ENGLISH

06 ޖުލައި 2025

Advertisement

ދިވެހިރާއްޖެ 2.0: ކޮރަޕްޝަން ނައްތާލައި ހާމަކަންބޮޑު ސަރުކާރަކަށް ކޮށާ މަގު

04 މޭ 2025

|

ޝިފްޒާން އަޙްމަދު

މޯލްޑިވްސް 2.0 ގެ ނަމުގައި ސަރުކާރުން ފަށާފައިވާ ޑިޖިޓައިޒޭޝަން މަސައްކަތްތަކުގެ މައގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތައިލުމާއެކު ސަރުކާރުގެ ހިންގުން މިހާރަށްވުރެ ދެފުށް ފެންނަ ގޮތަކަށް ބައްޓަންކުރެއްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އިއްޔެ ރައީސް އޮފީހުގައި ބޭއްވެވި 14 ގަޑިއިރާއި 54 މިނިޓަށް ދިގުލައިގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ޑިޖިޓައިޒްކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ އެ މަސައްކަތްތަކުގެ މައިގަނޑު މަގުސަދަކީ ކޮރަޕްޝަން ނައްތައިލުމާއި ސަރުކާރު ހިންގުން ހާމަކަންބޮޑުކޮށް އަވަސްކުރުން ކަމަށެވެ. 

އަދި އެމަނިކުފާނު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގެ މަގުސަަދަކީ އެ ގައުމުގެ ތަޖުރިބާތަކުން ކަންކަން ކުރައްވާނެ ގޮތް ބައްލަވައި އޮޅުންފިލުއްވުންކަމަށާއި، އެ ގައުމަކީ މި ތިން ދާއިރާގައިވެސް ދުނިޔޭގެ ފެންވަރުގައި އެންމެ މަތީ ފަންތީގައި ގުނައިލެވޭ ގައުމެއް ކަމުގައި ރައީސް ވިދާޅުވިއެވެ. 

އިއްޔެއަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެސްޓޯނިއާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑަށް ނޫސްވެރިކަމުގެ މިނިވަންކަން އޮތް ގައުމު ކަމަށެވެ. އެ ގައުމަކީ ފުރިހަމައަށް ޑިޖިޓަލައިޒްކޮށްފައިވާ ގައުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

މި މަހުގެ ތެރޭގައި މޯލްޑިވްސް 2.0ގެ ނަމުގައި ރާއްޖެ ޑިޖިޓަލައިޒްކުރުމުގެ ބޮޑު ގައުމީ މަޝްރޫއެއް ފެއްޓެވުމަށްޓަކައި ސަރުކާރުގެ ހުރިހާ އިދާރާތައް ޝާމިލުވާ ބޮޑު ކޮންފަރެންސްއެއް ބާއްވަވާނެކަން ރައީސް އިއުލާނުކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މޯލްޑިވްސް 2.0 މަޝްރޫއަކީ ސަަރުކާރު ހިންގުމުގެ މުޅި ނިޒާމު ޑިޖިޓައިޒްކުރުމަށް ހިންގާ ބޮޑު މަޝްރޫއެކެވެ. 

"ޑިޖިޓަލައިޒްޑް ނިޒާމެއްގެ ތެރެއިން އަޅުގަނޑުމެންގެ މުޅި ގަވަނިން ނިޒާމު ބަދަލުކުރެވިއްޖެއްޔާ، ދެންމެ މިދެންނެވި ހުރިހާ ކަމެއް ބަދަލުކުރެވިއްޖެއްޔާ، އެފިޝިއެންޓްކުރެވޭ، އޯޕަންއަޕްކުރެވޭ، އަދި ކޮރަޕްޝަން ނައްތައިލެވޭ،" ރައީސް ވިދާޅުވިއެވެ. 

ސަރުކާރުގެ ހިންގުން ޑިޖިޓަލައިޒްކޮށް ސަރުކާރުގެ އިންތިޒާމުތައް ޑިޖިޓަލް ނިޒާމުގެ ތެރެއިން ހިންގޭނެ ގޮތްތައް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. އަދި ހާއްސަކޮށް ޑިޖިޓަލް އިގުތިސާދެއް އުފެއްދެވުމާއި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތައަކީ ޑިޖިޓަލް އިގުތިސާދުން ހިއްސާކުރާ ބައެއްކަމަށް ހެއްދެވުމަކީ އެމަނިކުފާނު އިސްކަަންދެއްވާ އަމާޒެކެވެެ. 

ކިޔުންތެރިންގެ ހިޔާލު