ENGLISH

06 ޖުލައި 2025

Advertisement

އާރަށާއި މުލިއާގޭގެ ހަރަދުތަކުގެ ތަފުސީލު ރައީސް ހާމަކުރައްވައިފި

03 މޭ 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ޗުއްޓީ ހޭދަކުރެއްވުމަށް ހާއްސަކޮށްފައި އޮންނަ އާރަށާއި ރިޔާސީ ގަނޑުވަރު މުލިއާގެއިން ފަރިއްކޮޅަށް ކުރެވިފައިވާ ހަރަދުތަކާ ގުޅޭ ތަފުސީލުތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. 

ރައީސް އާރަށަށް ކުރައްވާ ދަތުރުފުޅުތަކާއި، އާރަށުގައި އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާގެ ފަރިއްކޮޅަށް ހިނގާ ހަރަދުތަކާ ގުޅުވައިގެން މީސްމީޑިޔާގައި ވަރަށް ގިނަ ދޮގު ހަބަރުތަކެއް ފެތުރެމުންދަނިކޮށް، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސްވަނީ އެމަނިކުފާނު އާރަށަށް ވަޑައިގެންނެވި އަދަދުތަކާއި ނިމުނު އަހަރާއި މި އަހަރު މުލިއާގޭގެ ބަދިގެއަށް ހިނގި ހަރަދުތައް ހާމަކުރައްވާފައެވެ. 

އެމަނިކުފާނު ވިދާޅުވީ ފުޓުބޯޅަ ކުޅުއްވުމަކީ ވަރަށް ކުރައްވާ ހިތްޕުޅުވާކަމެއް ކަމަށެވެ. ސިއްހަތު ރަނގަޅަށް ބެހެއްޓެވުމުގެ މަގުސަަދުގައި ކަސްރަތުކުރެއްވުމަށާއި މުނިފޫހިފިއްލެވުމަށް ފުޓުބޯޅަ ކުޅުއްވަން ބައްލަވާއިރު އާރަށުގައި ރަނގަޅު ފެންވަރުގެ ފުޓްސެލް ދަނޑެއް ހުންނާތީ ފުޓުބޯޅަ ކުޅުއްވަން އެރަށަށް ވަޑައިގަންނަވާ ކަމަށެވެ. 

ރައީސް ވިދާޅުވީ އެމަނިކުފާނަށް ވަގުތު ލިބިވަޑައިގަންނަވާނަމަ ކޮންމެ ހަފުތާއަކު ތިން ދުވަހު އެރަށަށް ފުޓުބޯޅަ ކުޅުއްވުމަށް ވަޑައިގަންނަވާ ކަމަށެވެ. ސީދާ އެގޮތަށް ވަޑައިނުގެންވެސް ހުރެދާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ރަށަށް 116 ފަހަރު ވަޑައިގެންފައިވާ ކަމަށެވެ. އެއިން 85 އަހަރު ވަޑައިގެންނެވީ ހަމައެކަނި ފުޓުބޯޅަ ކުޅުއްވުމަށް ކަމުގައެވެ. 

"އެހެންވީމާ ކުޅެލަން ގޮސްފައި ކުޅެލާފައި އަންނަނީ. 85 ފަހަރު ދެވުނީ ފުޓުބޯޅަ ކުޅެ. ކުޅުން ފިޔަވައި ހަމަައެކަނި ފެމިލީއާއެކު ދެވުނީ 31 ފަހަރު.،" ރައީސް ވިދާޅުވިއެވެ. 

"ދެ ސެކިއުރިޓީ ލޯންޗުގެ ތެލާ އެއްކޮށް މިއަދާ ހަމައަށް ހަރަދުވީ 844،635 ރުފިޔާ ދެން ފަސްދޮޅަސް ލާރި. 116 ދަތުރަށް ބަލާއިރު ހިނގި ހަރަދު އެއީ. ކުޅިވަރު ކުޅެން މައިގަނޑު ގޮތެއް މިދަނީ،" 

އެމަނިކުފާނުގެ އާއިލާއާއި ފަރިއްކޮޅަށް ހިނގި ހަރަދުތަކުގެ ބިލެއްކަމަށް ބުނެ ސޯޝަލް މީޑިޔާގައި ފަތުރަމުން އަންނަ ބިލުތަކަަކީ ސައްހަ ބިލުތަކެއް ނޫންކަން ފާހަގަކުރައްވަމުން ރައީސްވަނީ ނިމުނު އަހަރު މުލިއާގޭގެ ބަދިގެއަށް ހިނގި ހަރަދުގެ ތަފުސީލު ބަޔާންކުރައްވާފައެވެ. 

"2024 ވަނަ އަހަރު އެއްކޮޅަށް މުލިއާގޭގެ ކެއުމަށް ހަރަދުވެފައިވަނީ 565،703.93 ރުފިޔާ. އާރަށަށް ދިޔަސް ހަރަދުވާނީ މިބަޖެޓުގެ ތެރެއިން. މި އަހަރުގެ އޭޕްރީލު މަހުގެ 30 ވަނަ ދުވަހާހަމައަށް މުލިއާގެއިން ކެއުމަށް ހަރަދުވެފައިވަނީ 175،564.17 ރުފިޔާ،" ރައީސް ވިދާޅުވިއެވެ. 

މިކަހަލަ ކަންކަމުގައި ރައީސާއި އެމަނިކުފާނުގެ އާއިލާއާއި އެމަނިކުފާނުގެ ބޭފުޅުންނާ ގުޅުވައިގެން މީސްމީޑިޔާގައި މިފަދަ ބޮޑެތި ދޮގު ތުހުމަތުތަކެއް ފަތުރަމުންދާކަން ފާހަގަކުރައްވައި، އެގޮތަށް ދޮގުތައް ފަތުރާ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު