ENGLISH
06 ޖުލައި 2025
މަޝްރޫއުތައް އެސްއޯއީތަކާ ހަވާލުކުރުން؛ ބަޖެޓަށް ބޮޑު ލުޔެއް ލިބޭނެ
03 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދުމަށް ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ދައުލަތުގެ ކުންފުނިތަކާ ހަވާލުކޮށްގެން އެ މަޝްރޫއުތަކަށް ހިނގާ ހަރަދަށްވުރެ މާ ބޮޑު ނޫން ހޭދައެއްގައި މަޝްރޫއުތައް ހިންގުމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ވަރަށް ބޮޑަށް ލުއިވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މާލީ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ތަންފީޒުކުރެވެން ހުރި ކަންކަން ތަންފީޒުކުރައްވާނެ ކަމަށެވެ. އެގޮތުން އާސަންދައިގެ ތެރެއިން ހިނގަމުންދާ އިސްރާފުތައް ކުޑަކުރެއްވުމަށް އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތައް އެގޮތުގައި ތަންފީޒުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ ބައެއް އެހީތެރިކަމަށް އުނިކަން އަންނާނެ ގޮތަށް ގެންނަވަން ކުރިން ނިންމަވާފައިވާ މާލީ އިސްލާހުތައް އެގޮތުގައި ތަންފީޒުކުރައްވަން މިހާރު ނުވިސްނަވާކަން ހާމަކުރައްވައި ރައީސް ވިދާޅުވެފައިވަނީ ދައުލަތުގެ ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކޮށްގެން ހިންގުމުގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ފައިސާ ސަލާމަތްކުރެވޭނެ ކަމަށެވެ.
"ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ގިނަ މަޝްރޫއުތައް ހިންގުމަށް ނިންމާފައި މިއޮތީ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ގިނަ މަޝްރޫއުތަކުގެ ޕްރޮފިޓް މާޖިން ކުޑަކޮށްލެވޭ. މީގަ މިވާގޮތަކީ ބަޖެޓު މިހަދަނީ ޕްރޮފިޓަށް ބޮޑު ބައެއް ލާފައި. އެކަމަކު މަޝްރޫއު އެޓް ކޮސްޓުގައި ހިންގުމުން 15، 20 މިލިއަނެއްހައި ރުފިޔާ ސަލާމަތްކުރެވޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްގެން މަޝްރޫއުތައް ހިންގަނީ އެ މަޝްރޫއުތަކުގެ އަސްލު އަގުގައި ފައިދާއެއް ނުލައެވެ. އަދި މަޝްރޫއުތައް ހިންގާނީ ސީދާ ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މި މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރުމަށްފަހު ކޮންމެ ހަފުތާއަކުވެސް މަސައްކަތަށް ބޭނުންވާ ފައިސާ އެ ކުންފުނިތަކަށް ސަރުކާރުން ދޫކުރަމުންދާނެ ކަމަށެވެ. މިއީ މި އަހަރާއި އަންނަ އަހަރު ހިންގުމަށް އެމަނިކުފާނު ނިންމަވާފައިވާ މުހިއްމު މަޝްރޫއުތައް ހިންގެވުމަށް ސަރުކާރުން ހިންގާ ހާއްސަ އޮޕަރޭޝަނެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
އޭގެ އިތުރަށް މަޝްރޫއުތަކަށް ބޭނުންވާ ސާމާނުތައް ބަލްކުކޮށް ގަތުމަށް ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކުޅިވަރު މަޝްރޫއުތަކަށް ބޭނުންވާ ތަކެއްޗާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ތަކެތިވެސް ބަލްކުކޮށް ގެނައުމުން ބޮޑު ހަރަދެއް ސަލާމަތްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މާލީ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ސަލާމަތްކުރެވޭނެކަމަށް ބަޖެޓުގައި އަންދާޒާކޮށްފަައި ހުރި އަދަދު، މަޝްރޫއުތައް ހިންގުމުގެ ހަރަދުތައް ކުޑަކޮށްގެން ސަލާމަތްކުރެވިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.