ENGLISH
06 ޖުލައި 2025
ރައީސްގެ ވިސްނުންފުޅު ހުރީ ކޮންމެ ތަނެއްގައި ކިޔެވިޔަސް މަަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ސްކޮލާޝިޕް ފުރުސަތު ދިނުމަށް
03 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން މަތީ ވަނަތައް ހާސިލުކުރާ ދަރިވަރުންނަށްވެސް ސްކޮލާޝިޕް ފުރުސަތު ދިނުމަށް ވިސްނަވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިހާރު މަތީ ވަނަތައް ހާސިލުކުރާ ދަރިވަރުންނަށް ސަރުކާރުން ދޭ ސްކޮލާޝިޕު ފުރުސަތުތައް ލިބެނީ ދިވެހިރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އެކަންޏެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކުވަނީ އެކަމާ ގުޅޭ ގޮތުން ރައީސާ ސުވާލުކުރައްވާފައެވެ.
އެ ސުވާލާ ގުޅިގެން ރައީސް ފާހަގަކުރެއްވީ އެމަނިކުފާނު ބޭރު ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވި ކުރެއްވުމުގައި ކޮންމެ ގައުމެއްގަައި ދިރިއުޅޭ ދިވެހިން އެކަމާމެދު އެމަނިކުފާނާ ސުވާލުކޮށްފައިވާ ކަމަށެވެ.
އެގޮތުން އެންމެ ފަހުން މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅުގައިވެސް އެ ސުވާލު އެމަނިކުފާނާ ކުރިމަތިވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅަކީ ސްކޮލާޝިޕަށް ކުރިމަތިލުމަށް ނުވަތަ ސްކޮލާޝިޕު ލިބުމަށް ޝަރުތުހަމަވާނަމަ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށްވެސް އެ ފުރުސަތު ދެއްވުމަށް ކަމުގައެވެ.
"ބޭރުގަ ކިޔެވިޔަސް ރާއްޖޭގައި ކިޔެވިޔަސް ސްކޮލާޝިޕަށް އެޕްލައިކޮށްގެން ހޮވޭވަރުގެ ތައުލީމީ ނަަތީޖާއެއް ނެރެފިއްޔާ ފުރުސަތު ދިނުމަކީ އަޅުގަނޑުގެ ވިސްނުން. މިތާނގައި އެހެން ހަދާނަމެކޭ ނުދެންނެވޭނެ. ނަމަވެސް އެ އުސޫލު ބަލައި ގެނެވޭނެ ބަދަލަކީ ކޮބައިތޯ ބަލާނަން،" ރައީސް ވިދާޅުވިއެވެ.
އަދި މިހާރު އަމަލުކުރަމުންދާ އުސޫލަށް ބަދަލެއް ގެނައުމުގެ ފުރުސަތު އޮތްނަމަ ކުރިއަށް އޮތް ސްކޮލާޝިޕް ފުރުސަތުތަކަށް ހުޅުވައިލުމުގެ ކުރިން އެގޮތަށް އުސޫލު ބަދަލުކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.