ENGLISH
06 ޖުލައި 2025
މާލެ ސަރަޙައްދުގައި އިމާރާތްކުރާ 4600 ފްލެޓްގެ ފައިސާ ވަނީ ހަމަޖެހިފަ: ރައީސް
03 މޭ 2025
|
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން މާލެ ސަރަޙައްދުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 4600 ފްލެޓް އަޅަން ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ 4،600 ފްލެޓްގެ ތެރެއިން 400 ފްލެޓް އަޅާނީ ސައުދީ ފަންޑުގެ އެހީގައި ކަމަށެވެ. އެގޮތުން ސައުދީ ޑިވެލޮޕްމަންޓް ފަންޑު ލޯނުގައި ހުޅުމާލޭގައި އިމާރާތްކުރާ 400 ހައުސިން ޔުނިޓު އިމާރާތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ އޭޕްރީލް 14 ވަނަ ދުވަހު ވަނީ ފަށައިފައެވެ. ބާކީ 4200 ފްލެޓް އިމާރާތްކުރުމަށް ނިންމާފައިވަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އިން ކަމަށާއި، އެ ފައިސާ މިހާރު ހަމަޖެހިފައިވާކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
"އިންޑިއާގެ އެލްއޯސީ ފައިނަލްވެގެން އަޅުގަނޑު އިރާދަކުރެއްވިއްޔާ އުއްމީދުކުރަން އެ މަޝްރޫޢު ފެށިގެންދާނެކަމަށް. ސައުދީ ފަންޑުން، ހަނދުމަފުޅު ހުންނާނެ އިހަށްދުވަހު ބިންގާ އެޅިގެންދިޔައީ 400 ޔުނިޓް" ފައިސާ ހަމަޖެހިފައިވާ ދެ މަޝްރޫޢުގެ ތަފްޞީލު ހާމަކުރައްވަމުން ރައީސް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ސިނަމާލެ/މާލެހިޔާ ސަރަޙައްދުގައި އިމާރަތްކުރާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު ސޮއިކުރި އެއްބަސްވުމާ އެއްގޮތަށް މާލެ ސިޓީ ކައުންސިލްގެ ތެރެއިން އެމަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. އެ މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ 1360 ފްލެޓެވެ.
ރައީސް ވިދާޅުވީ އެތަނުގައި ފުރަތަމަ އަޅާ ދެ ޓަވަރު ޚާއްޞަކުރާނީ މިހާރު ބާ އިމާރާތްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށެވެ. އޭގެފަހުން އެ ސަރަހައްދުގައި އިތުރު ފްލެޓްތައް އަޅައި ކޮމްޕްލެކްސްގެ ތެރޭގައި ހިމަނުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ސިނަމާލެ/މާލެހިޔާ ސަރަހައްދުގައި އަޅަން ނިންމާފައިވަނީ ހަތަރު ކޮޓަރިއާއި ތިން ކޮޓަރި އަދި ދެ ކޮޓަރީގެ ފްލެޓްތަކެވެ.
ބިންހިއްކުމުގެ މަޝްރޫޢުތަކުގެ ތެރެއިން، ގިރާވަރު ފަޅު ހިއްކުމަށް ވެފައިވާ އެއްބަސްވުން ބާޠިލްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ގިރާވަރު ފަޅު ހިއްކުމުގެ އެގްރީމަންޓް ބާތިލްކުރުމުގެ މަސައްކަތް އެބަ ހިނގާ. އެ އެގްރީމަންޓް ކޮށްފަ އޮތް ގޮތުން ވަރަށް ބޮޑު ގެއްލުމެއް ދައުލަތަށް އެބަވޭ. ވަރަށް ބައިވަރު ބިންތައް އެއާ ގުޅުވައިގެން ދޫކޮށްލާފަ މި އޮންނަނީ. ވަރަށް ކޮމްޕްލެކްސް އެގްރީމަންޓެއް. ދައުލަތަށް ފައިދާއެއް ނެތް ގެއްލުން ބޮޑު އެގްރީމަންޓެއް. އެހެންވީމަ އަޅުގަނޑުމެން އެގްރީމަންޓް ބާތިލްކުރުމުގެ މަސައްކަތް މި ހިނގަނީ. ނިމުނުހާ އަވަހަކަށް ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާނަން" ރައީސް ވިދާޅުވިއެވެ.
ހުޅުމާލެ ފޭސް ތިނެއްގެ ބިން ޖުލައި މަހުގެ ނިޔަލަށް ހިއްކާ ނިންމައި އެތަނުން ދޫކޮށްފައި ހުރި ގޯތިތައް އެފަރާތްތަކާ ޙަވާލުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. ގުޅީފަޅުގެ އެންމެ ފުން ސަރަޙައްދު ނުހިއްކާ އޮތްނަމަވެސް، އެތަނުން ދޫކޮށްފައި ހުރި ގޯތިތައް ގުޅީފަޅުގެ އެއްގަމުން ދޫކުރެވޭ ގޮތަށް މިހާރު ޕްލޭން ބަދަލުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެ ބަދަލާއެކު ލަސްތަކެއް ނުވެ އެއްގަމުން އެ ގެވަޅުތައް ވަރަށް އަވަހަށް ހަވާލުކުރަން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.