ENGLISH
06 ޖުލައި 2025
ގާނޫނެއްގައި ސިޔާސީ މުވައްޒަފުންނަށް ހަރަދުކުރެވޭނެ އަދަދު ކަނޑައަޅަނީ
03 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ދައުލަތުގެ ބަޖެޓުން ސިޔާސީ މުވައްޒަފުންނަށް ހަރަދުކުރެވޭނެ އެންމެ ބޮޑު މިންވަރަކީ ކޮބައިކަން ގާނޫނެއްގައި ކަނޑައަޅުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫެރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ގާނޫނަށް ގެނެވޭ އިސްލާހުގެ ތެރެއިން ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންގެ އަދަދަަކީ ރައްޔިތުންގެ މަޖިލީހާ ސަރުކާރުން ހިއްސާކުރަންޖެހޭ ގޮތަށް ހަމަޖައްސަވާނެ ކަމުގައެވެ.
ރައީސް ވިދާޅުވި ގޮތުގައި ގާނޫނަށް ގެންނަވަން ގަސްތުކުރައްވާ އިސްލާހުތަކަކީ ޖަވާބުދާރީވަނިވި ދައުލަތެއް ގާއިމުކުރައްވައި ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުން "ޗެކްސް އެންޑް ބެލެންސަސް"ގެ ނިޒާމެއްގެ ތެރެއިން ހިނގާ ކަމެއްގެ ގޮތުގައި ހަމަޖެއްސެވުމެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްވަނީ ގާނޫނުއަސާސީއަށާއި ގާނޫނުތަކަށް އިސްލާހު ގެންނަވައިގެން ވެރިކަމުގެ ނިޒާމަށް ގެންނަވަން ވިސްނަވާ ބައެއް އިސްލާހުތައް ހިއްސާކުރައްވާފައެވެ. އެގޮތުން ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއްކުރުމާއި، ރިޔާސީ އިންތިހާބުގެ ވޯޓުލުން ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކުރުމާއި މަޖިލީހުގެ މެންބަރުންގެ އަދަދު 93 އަށްވުރެ އިތުރުވިޔަނުދީ ހިފަހެއްޓުމާއި، އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުން ރީކޯލް ވޯޓަކުން މަގާމުން ވަކިކުރެވޭނެ ނިޒާމެއް ގާއިމުކުރެއްވުން ހިމެނެއެވެ.
ސިޔާސީ މަގާމުތަކާ ގުޅޭ ގޮތުން ގާނޫނަށް ގެންނަވަން ހުށަަހަޅުއްވާ އިސްލާހުގެ ތަފުސީލު ހާމަކުރައްވައި ރައީސް ވިދާޅުވީ ބޭނުންފުޅުވަނީ ސިޔާސީ މަގާމުތަކުގެ މުސާރައާއި އިނާޔަތްތަކަށް ހަރަދުކުރެވޭނެ ފައިސާގެ އަދަދު ކަނޑައެޅުމާއެކު، މަގާމުތަކަށް އެންމެ ގިނަވެގެން އައްޔަންކުރެވޭނެ މީހުންގެ އަދަދުވެސް މަޖިލީހުން ކަނޑައަޅާ ގޮތަށް ހަމަޖެއްސެވުން ކަމަށެވެ.
"ސިޔާސީ މަގާމުތަކަށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރެވޭނީ ގިނަވެގެން ކިހާ މިންވަރެއްކަން ގާނޫނުގައި ބަޔާންކުރުމާއި، އެންމެ ގިނަވެގެން އައްޔަންކުރެވޭނެ ސިޔާސީ މަގާމުތަކުގެ އަދަދު، މަޖިލީހުން ކަނޑައަޅާ ގޮތަށް ގާނޫނު ބަދަލުކުރުން،" އެމަނިކުފާނު ހުށަހަޅުއްވާ ބަދަލުގެ ތަފުސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް މިއަދު ރައީސް ހާމަކުރެއްވި ގޮތުގައި ސިޔާސީ މުވައްޒަފުންގެ އެޕްރައިޒަލް ކޮންމެ ތިން މަހަކުން އެއްފަހަރު ހަދަންޖެހޭ ގޮތަށް ސަރުކާރުންވަނީ އުސޫލެއް އެކުލަވައިލާފައެވެ. ރައީސް ވިދާޅުވި ގޮތުގައި އެ އުސޫލުގެ ދަށުން ފަރުވާކުޑަކުރާ މުވައްޒަަފުން މަގާމުތަކުން ވަކިކުރެވޭނެއެވެ.
މިއީ ސިޔާސީ މުވައްޒަފުންގެ މަސައްކަތް ވަޒަންކޮށް ރަނގަޅަށް މަސައްކަތްނުކުރާ މުވައްޒަފުން އެކަހެރިކުރެވޭ ގޮތަށް އުސޫލެއް ސަރުކާރަކުން އެކުލަވައިލި ފުރަތަމަ ފަހަރެވެ.