ENGLISH

06 ޖުލައި 2025

Advertisement

ހިސާބުތަކުން ރައީސް ވިދާޅުވެދެއްވީ މުޒާހަރާކުރުމުގެ މިނިވަންކަން ދީފައި އޮތް މިންވަރު

03 މޭ 2025

|

ޝިފްޒާން އަޙްމަދު

ަރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރު އައި ފަހުން ކުރިއަށްދިޔަ މުޒާހަރާތަކުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ އަދަދުތަަކާއި، ކުރީ ސަރުކާރުގެ ފަސް އަހަރުގައި ހިނގި މުޒާހަރާތަކުގެ ތެރެއިން ހައްޔަރުކުރި މީހުންގެ އަދަދުތައް ހާމަކުރައްވައި، އެމަނިކުފާނުގެ ސަރުކާރުން މުޒާހަރާކޮށް އިހުތިޖާޖުކުރުމަށް މިނިވަންކަން ދީފައި އޮތް މިންވަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެދެއްވައިފިއެވެ. 

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވި ދޮޅު އަހަރެއްހައި ދުވަހުގެ ތެރޭގައި 73 މުޒާހަރާ ބާއްވާފައިވާ  ކަމަށެވެ. އެ މުޒާހަރާތަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 12 މީހުން ކަމަށާއި، އެއިން އެކެއްގެ މައްޗަށް ދައުވާކޮށް ބަންދުކޮށްފައިނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އެއާ ހިލާފަށް ފާއިތުވި ފަސް އަހަރުގެ ތެރޭގައި 279 މުޒާހަރާކުރިއިރު 700 މީހުން އެ މުޒާހަރާތަކުން ހައްޔަރުކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިވެރިކަމުގައި މުޒާހަރާއެއްގެ ތެރެއިން އަނިޔާކުރި މީހަކު ނުހުންނާނެ ކަމަށެވެ. 

އަދި މި ސަރުކާރު އުފެދުނު ފަހުން ހިނގި އެފަދަ ހާދިސާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ޖަލްސާ ބޭއްވި ރޭ ހިނގި ހާދިސާކަަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ހާދިސާއާ ގުޅޭ އިންކުއިރީއެއް ހިންގައި އެ ހާދިސާގައި ޝާމިލުވާ ފުލުހުން އެމީހުން އެއިރު އަދާކުރަމުން އައި ޒިންމާތަކުން ދުރުކޮށްފައިވާ ކަމަށެވެ. 

"މިފްކޯގެ ކޫއްޑޫ ތެރެއަށް ވަދެ މުޒާހަރާކުރީ ނޫންތޯ؟ އަަޅުގަނޑު އެންގީ ހަމަ އެކަކަށްވެސް އަނިޔާއެއް ކޮށްގެންނުވާނޭ. އަޅުގަނޑު ހާދަ ރުޅިއަންނަ ކަމެކޭ މީހުންނަށް އަނިޔާކުރުން. ނުހިނގާނެ އަކެމެއް،" ރައީސް ވިދާޅުވިއެވެ. 

ރަައީސް އިތުރަށް ފާހަގަކުރެއްވީ ކުރިއާލައި އެންގުމަކާ ނުލައި މާލޭގައި މުޒާހަރާކުރެވޭ ތަންތަންވެސް މިހާރު އިތުރުކޮށްދެއްވާފައިވާ ކަމެވެ. އަދި އެމަނިކުފާނު ވިދާޅުވީ ރީތިކޮށް ސުލްހަވެރިކޮށް މާލޭގެ މަގުތަކުގައި ހިނގައިލުންވެސް ބޭއްވޭނެ ކަމަަށެވެ. 

"އާއްމުންނަށް އުނދަގޫނުވާ ގޮތަށް ހަޅޭއްނުލަވަައި، ހަޑިހުތުރު އެއްޗެހި ނުކިޔައި، ސުލްހަވެރިކޮށް ހިނގައިވެސް ލެވޭނެ. މިހާރު މިވާގޮތަކީ ހަޑިހުތުރު އެއްޗެހިވެސް ކިޔަނީ ބޭއަދަބީ ވާހަކަވެސް ދައްކަނީ. މުޖުތަމައު ކޮން މަގަކުން ގެންދަން މިއުޅެނީ. ކަމަކުނުދޭ އެގޮތެއް ދެއްތޯ؟،" ރައީސް ވިދާޅުވިއެވެ. 

ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން އިދިކޮޅު އެންމެ ބޮޑު ޕާޓީކަމަށްވާ އެމްޑީޕީން ތަކުރާރުކޮށް މުޒާހަަރާކޮށް އިހުތިޖާޖުކުރެއެވެ. ނަމަވެސް ފުލުހުން އެއިން އެއްވެސް އިހުތިޖާޖެއް ހުއްޓުވައި ހުރަސްއަޅާފައިނުވެއެވެ. 

ކިޔުންތެރިންގެ ހިޔާލު