ENGLISH
06 ޖުލައި 2025
ރައީސްގެ އިލްތިމާސެއް ނޫސްވެރިންނަށް، ވަކި އަތަކަށް ނުޖެހި މިނިވަންކަމާއެކު ތެދު މައުލޫމާތު ހާމަކުރައްވާ!
03 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ވަކި އަތަކަށް ނުޖެހި މިނިވަންކަމާއި ތެދުވެރިކަމާއެކު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހުރިހާ ނޫސްވެރިން ވެސް ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތް ކުރެއްވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
"ތިބޭފުޅުންނަށް ހަމަ ތަނަކުން ލިބޭހާ މައުލޫމާތެއް އެ ނުވާނެ ކޮންމެހެން ތެދަކަށް. ލިބޭހާ މައުލޫމާތެއް ތެދަކަށް ނުވާނެ ނޫންތޯ؟ ތެދުބަހުން ވާހަކަދެއްކުމަކީ އޮތް ޗޮއިސްއެއްތޯ ނޫނީ އެއީ ޒިންމާއެއްތޯ. އެއީ ޒިންމާއެއް. އެއީ މަޖުބޫރު ކަމެއް ކޮންމެ މީހަކަށް ވެސް. ޚާއްސަކޮށް މުސްލިމަކަށް ވީތީ ވާހަކަދައްކަންޖެހޭނީ ތެދުބަހުން. " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ އެހެންކަމުން ނޫސްތަކުގައި ލިޔާ ޚަބަރުތަކާއި ޓީވީތަކުން ގެނެސްދޭ ޚަބަރުތައް ތެދު ބަސް ނޫން އެހެން ބަހަކުން ލިޔުމަކީ ހުއްޓާލަން ޖެހޭ ކަމެއް ކަމަށެވެ. ކޮންމެ ނޫސްވެރިއަކު ވެސް ނޫސްވެރިކަން ކުރަންވާނީ ޒިންމާދާރު ކަމާއެކުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނޫސްވެރިންނަކީ ވަރަށް މާތް މަގްސަދެއްގައި ވަރަށް ބޮޑު ޒިންމާއެއް އަދާކުރާ ބައެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ތެދު މައުލޫމާތު މިނިވަންކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ނޫސްވެރިންގެ އެންމެ ބޮޑު ޒިންމާ ކަމަށެވެ. އަދި އެކަން ކުރަންވާނީ އެއްވެސް މީހެއްގެ ނުފޫޒެއް ނެތި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކަންކަމުގައިވަކި ސައިޑެއް ނެގުމަކީ ވެސް ތެދު މައުލޫމާތު ފޯރުކޮށްދިނުމެއް ނޫން ކަމަށެވެ. ކޮންމެ ކަމެއްގައި ވެސް ދެފަރާތް އޮންނައިރު ބައެއް ނޫސްވެރިން ސެންސޭޝަނަލައިޒް ކޮށްލަން ނުވަތަ ގިނަ މީހުން ކިޔާ ގޮތް ހެދުމަށްޓަކައި ތެދެއް ދޮގެއް ބެލުމެއްނެތި ބައެއް ޚަބަރުތައް ޝާއިއުކުރާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެއީ އެކަން އޮންނަން ވާނެ ގޮތް ނޫން ކަމަށާއި އެމަނިކުފާނު ވެސް ވާހަކަދައްކާނީ ތެދުބަހުން ކަމަށާ ހުރިހާ ބޭފުޅުން ވެސް ވާހަކަދައްކަން ޖެހޭނީ ތެދުބަހުން ކަމަށް ރައީސް ވިދާޅުވިއެވެ.