ENGLISH

06 ޖުލައި 2025

Advertisement

ޖުޑީޝިއަރީއަށް އަޅުގަނޑު ނުފޫޒެއް ނުފޯރުވަން، ނުވެސް ފޯރުވާނަން: ރައީސް

03 މޭ 2025

|

ޝާމަ ޝުޢައިބު

ސުޕްރީމް ކޯޓުގެ ޝަރީޢަތްކުރާ މާލަމް - ފޮޓޯ: ސުޕްރީމް ކޯޓު

ޖުޑީޝިއަރީއަކީ އެމަނިކުފާނުގެ ކޮންޓްރޯލް ހިނގާ އަދި ހިނގާނެ ވެސް ބާރެއް ނޫން ކަމަށާ އެކަމަށް އެމަނިކުފާނު މިހާތަނަށް ނުފޫޒުވެސް ފޯރުވާފައިނުވާ ކަމަށާ އެކަން އެގޮތަށް ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިއަދާ ހަމައަށް ވެސް އެމަނިކުފާނު އެއްވެސް ކޯޓަކުން އެއްވެސް މައުލޫމާތެއް ހޯދާފައިނުވާ ކަމަށެވެ. އަދި އެއްވެސް ކޯޓަކުން އެމަނިކުފާނަށް އެއްވެސް މައުލޫމާތެއް ވެސް ދީފައި ނުވާކަމަށެވެ. 

"ނޫސްތަކުން ހަމަ އެހެން މީހުންނަށް ވެސް ފެންނަ ގޮތަށް އަޅުގަނޑަށް ފެންނަނީ ކޯޓުތަކުގެ ކަންކަން. ކަމެއް ތާވަލު ކުރިއަސް ނުކުރިއަސް، ކަމެއް ނިންމިއަސް ނުނިންމިއަސް. އަޅުގަނޑު އެއްވެސް ޝައުގުވެރިކަމެއް ހުންނަ ކަމެއް ނޫން ކޯޓެއްގަ، ޖުޑީޝިއަރީގަ ކަމެއް ހިނގާ ގޮތް ހިނގާނެ ގޮތެއް ވަކި ގޮތަކަށް ހިންގަން އެދުން. ހިންގުވުން. " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ ޖުޑީޝިއަލް ސަރވިސް ކޮމިޝަނަކީ އެމަނިކުފާނު ކޮންޓްރޯލް ކުރައްވާ ތަނެއް ނޫން ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ ކޮންޓްރޯލް ހިނގާނެ ވެސް ތަނެއް ނޫންކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ތަކުރާރުކޮށް ރައްޔިތުންނަށް އަރުވާފައެވެ.

މި ސަރުކާރު އުފެދިގެން އައި ހިސާބުން އެއްވެސް މުއައްސަސާއަކުން އަދި ރައީސް އައްޔަންކުރައްވާފައިވާ އެއްވެސް މަގާމެއްގައި ހުރި މީހަކު ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރުވާނެ ކަމަށް މީގެ ކުރިން ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެއީ އެމަނިކުފާނު ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި އެފަދަ ކަމެއް ކުރާ މީހަކު ވަގުތުން މަގާމުން ވަކިކުރައްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު