ENGLISH
06 ޖުލައި 2025
އިންސާފުން ބޭރުން އެއްވެސް މީހަކު ބަަންދުގައި ހުންނަން ބޭނުމެއް ނޫން: ރައީސް
03 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ،މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް
އިންސާފުން ބޭރުން އެންމެ މީހަކު އެންމެ ދުވަހަކުވެސް ބަންދުގައި ހުންނަން އެދިވަަޑައިނުގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލައާ ގުޅޭ ގޮތުން މިއަދު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެ މައްސަލަ ދިރާސާކުރެއްވި ކުރެއްވުމުން ފާހަގަކުރެއްވުނީ ކްރިމިނަލް ކޯޓުގައި މައްސަލަތައް ލަސްވުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ދިގު މުއްދަތެއް ބަންދުގައި ހޭދަކުރަންޖެހިފައިވާކަން ފާހަގަކުރެއްވިފައިވާ ކަމަށެވެ.
އެހެންކަމުން ހުޅުމާލެއަށް ކުރިމިނަލް ކޯޓު ބަދަލުކުރުމުގެ މަސައްކަތް ވަރަށް ހަލުއި ދުވެލީގައި ކުރިއަށްގެންދަވާ ކަމަށް ވިދާޅުވިއެވެ.. އެގޮތުން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން މިހާރު އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
"ކްރިމިނަލް ކޯޓުގައި ވަރަަށް ގިނަ މައްސަލަ އެއްފަހަރާ ބެލޭނެ ކެޕޭސިޓީ ގާއިމުކޮށް އެ ނިމެނީ. ޑްރަގު ކޯޓުވެސް އެ އިމާރާތަށް އެބައާދޭ. މިއިމާރާތް ނިމުނީމާ، ވަރަށް އަވަހަށް ނިމޭނެ، މިހާރު ނުހިނގާ ހުރި ވަރަށް ގިނަ މައްސަލަތައް ބަލައި ނިމޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަަކުރެއްވި ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޖާގަ ދަތިކަން ބޮޑުވުމަކީވެސް މި މައްސަލަ މިގޮތަށް ދެމިގެންދިއުމުގެ ސަބަބެކެވެ. އެ ސަބަބައްޓަކައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޖާގަ ތަނަވަސްކުރުމުގެ މަސައްކަތް ކުރައްވަމުންދާ ަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިގޮތަށް ވާނުވާ ބަންދުގައި މީހުން ތިބި މައްސަލަތަކަކީ ކޮން ކަހަލަ މައްސަލަަތަކެއްތޯ ބައްލަވައިލެއްވިއިރު، ވާނުވާ ބަންދުގައި ތިބި 354 މީހުންގެ ތެރޭގައި، މާރާމާރީގެ މައްސަލަތަކުގައި 70 މީހުންނާއި، ރޭޕާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި 108 މީހުން އަދި ޓެރަރިޒަމުގެ ކުށުގެ ތުހުމަތުގައި 17 އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި 118 މީހުން ހިމެނޭކަމަށެވެ.
މިފަދަ ބޮޑެތި ތުހުމަތުތަކުގައި ހައްޔަރުކޮށްފައިވާ މީހުން މުޖުތަމައަށް ދޫކޮށްލެވޭނެ އެއްވެސް ގާނޫނީ ގޮތެއް ނެތްކަަން ރައީސް ފާހަގަކުރެއްވިއެވެ.
އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށްޓަކައި އެންމެ ބޮޑަށް ބާރުއަޅުއްވަނީ ކުރިމިނަލް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް ނިންމުމަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނު އުންމީދުކުރައްވަނީ އަންނަ ޖުލައި މަހުގެ ނިޔަލަށް އެ މަސައްކަތް ނިމުން ކަމަަށެވެ.
"އަންފެއާކޮށް އަނިޔާއެއްވާން އެއްވެސް މީހަކު ބަންދުގައި އަޅުގަނޑުގެ ވެރިކަމެއްގައި ހުންނަން ބޭނުމެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވެފައިވަނީ ވާނުވާ ބަންދުގައި މީހުން ތިބުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި، އަދި އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަވަސް މަސައްކަތްތަކެއް ކުރަމުންދާ ކަމަަށެވެ.