ENGLISH

06 ޖުލައި 2025

Advertisement

ދިހަ ދާއިރާއެއްގައި އަންނަ އަހަރުން ފެށިގެން ބިދޭސީންނަށް ހަރަކާތްތެރިނުވެވޭނެ

04 މޭ 2025

|

ޝިފްޒާން އަޙްމަދު

އެމްޓީސީސީގެ މުވައްޒަފުންތަކެއް މަސައްކަތްކުރަނީ، ފޮޓޯ: އެމްޓީސީސީ

އަންނަ އަހަރުން ފެށިގެން ދިހަ ދާއިރާއެއްގައި ބިދޭސީންނަށް މަސައްކަތް ނުކުރެވޭނެ ގޮތަށް އުސޫލުތައް ހަމަޖައްސަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ. 

އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވައިލައްވަމުން ރައީސްވަނީ، މުހިއްމު ދާއިރާތަކުގައި ބިދޭސީން ހަރަކާތްތެރިވާ މިންވަރު މަދުކުރުމަށް ގައުމީ ފެންވަރުގެ މަޝްރޫއެއް ނިމުނު އަހަރު ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. 

ރައީސް ވިދާޅުވީ ތިން އަހަރު ދުވަަހަށް ބަހާލައިގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ތެރެއިން ދިވެހިންނަށް ހާއްސަ ދިހަ ދާއިރާއެއް ކަނޑައަޅައި އެ ދާއިރާތަކުގައި ބިދޭސީންނަށް އަންނަ އަހަރުން ފެށިގެން މަސައްކަތް ނުކުރެވޭ ގޮތަށް ކަނޑައަޅުއްވާފައިވާ ކަމަށެވެ. 

މި ދިހަ ދާއިރާއަށް ބޭނުންވާ ދިވެހި ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވުމާއެކު އެ ދާއިރާތައް ދިވެހިންނަށް ހާއްސަކުރުމަށް ގާނޫނީ ގޮތުން ގެންނަންޖެހޭ އިސްލާހުތައް ތިން އަހަރުގެ ތެރޭގައި ގެނެވި އެ ދާއިރާތައް ދިވެހިންނަށް ފުރިހަމަ މާނާގައި ހާއްސަަކުރެވިގެންދާނެ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. 

ދިވެހިންނަށް ހާއްސަ ދާއިރާތަަކުގެ ގޮތުގައި ނިންމާފައިވާ ދާއިރާތަކަކީ އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާއާއި ހެއާރ ޑްރެސިން އެންޑް ބިއުޓީޝަނުންނާއި ރިސޯޓް މިއުޒީޝަނުންނާއި ކަސްޓަމާ ސަރވިސް، ހައުސްކީޕިންގ މެނޭޖަރ، ފްރޮންޓް އޮފީސް މެނޭޖަރ، ހިއުމަން ރިސޯސް މެނޭޖަރ ޑައިވިން އިންސްޓަރކްޓަރ އަދި ޓުއާގައިޑުންގެ ދާއިރާއެވެ. 

"އެމްޕްލޯޔާސް މިކަމާއި ވަރަށް ބޮޑަށް އެބަ އުޅެންޖެހޭ. ދިވެހީންނަށް ވަޒީފާ ހޯދައިދޭން މިއުޅެނީ. ބޭރު މީހުން ގެންގުޅޭވަރު މިދާއިރާތަކުން މި މަނާކުރަނީ. ނޫނީ ޑިސްކަރޭޖް ކުރަނީ. ތިން އަހަރުދުވަހުގެ ޕީރިއަޑެއް މިއޮތީ އަޅުގަނޑުމެން ކަނޑައަޅާފައި. 2026 ނިމެންވާއިރަށް މިދާއިރާތަކުން ތިބެންވާނީ ދިވެހިން އެކަށީގެންވާވަރަށް އެދާއިރާތަކުގެ އިންވެސްޓަރުންނާއި ކޮމްޕެނީތަކުންނާއި ޖެހޭނޭ ސަރުކާރު ތެރެއިން ހިންގާ ޕްރޮގްރާމްތަކުން ނުވަތަ އަމިއްލަ ގޮތުންވެސް ދިވެހިން ތަމްރީނުކުރަން" އެމަނިކުފާނު ވިދާޅުވިއެވެ. 

މިފަދައިން އިގުތިސާދުގެ ވަކި ދާއިރާތަކެއް ދިވެހިންނަށް ހާއްސަކުރުމަކީ ކިޔަވައިގެން ވަޒީފާގެ ބާޒާރަށް ނުކުންނަ ޒުވާނުންނަށާއި މަސައްކަތްތެރިކަމުގެ ދާއިރާތަކަަށް ނުކުންނަ ދިވެހިންނަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި ސިފަކުރައްވައި އެ ފުރުސަތުގެ ބޭނުން ހިފުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު