ENGLISH

13 ސެޕްޓެމްބަރު 2025

Advertisement

ސިޔާސީ މުވައްޒަފުންގެ މަސައްކަތް ވަޒަންކޮށް ފަރުވާކުޑަ މީހުން ވަކިކުރާނެ އުސޫލެއް އެކުލަވާލައިފި

03 މޭ 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ފަރުވާ ކުޑަކޮށް މަސައްކަތްކުރާ މުވައްޒަފުން މަގާމުން ވަކިކުރެވޭނެ ނިޒާމެއް ސަރުކާރުން އެކުލަވައިލާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދާ ގުޅޭ ގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ރައީސްގެ ޖަވާބުގައި އެމަނިކުފާނު ފާހަގަކުރެއްވީ ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންނަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަައް ލީޑުކުރުމަށް ވަޒީފާއަށް ނަގާފައިވާ މީހުން ކަމަށެވެ. 

"ނިޒާމުގެ ތެރޭގައި ކަންކަން ހިންގަދީ ބަލަހައްޓައިދޭނެ މީހުންތަކެއް އައްޔަން މިކުރަނީ. ޓީމު ލީޑުކޮށްދީ ކަންކަން ބަލާނެ. ނަތީޖާ ނެރުމުގައި އެހީތެރިކަން ދިނުމަށްޓަކައި ވޯކް ފޯސްއެއް މިގެންނަނީ. ބޭކާރު ގޮތެއްގައި ބަޔަކު އައްޔަންނުކުރާނެ،" ރައީސް ވިދާޅުވިއެވެ. 

ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުގައި މުޅިން އަލަށް ސިޔާސީ މުވައްޒަފުންގެ މަސައްކަތް ވަޒަންކޮށް އެޕްރައިޒަލް ހެދުމުގެ ޕްރޮސެސްއެއް ފަށާފައިވާ ކަމަށެވެ. ކޮންމެ ތިން މަހަކުން ސިޔާސީ މުވައްޒަފުންގެ މަސައްކަތް ވަޒަންކުރުމަށްފަހު މަސައްކަތުގައި ފަރުވާކުޑަކުރާ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ފިޔަވަޅުއެޅިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

"ތިން މަހުން ތިން މަހުން ބަލައި، ފަރުވާކުޑަކުރާ މީހުން ވަކިކޮށް ދޫކޮށްލުން އެގޮތަށް ހުރި ފިޔަވަޅުތަކެއް އެޅޭ ގޮތަށް. އެއީ އަލަށް ތައާރަފުކުރެވުނު ކަމެއް.،" ރައީސް ވިދާޅުވިއެވެ. 

ސިޔާސީ މުވައްޒަފުންގެ މުސާރައަށް ހިނގާ ހަރަދުތަކަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ މުޅި ދައުލަތުގެ ހުރިހާ މުވައްޒަފުންގެ އަދަދަކީ 49،000 އެއްހައި މީހުން ކަމަށެވެ. އެމީހުންގެ މުސާރައަށް މަހަކު ގާތްގަނޑަކަށް 997 މިލިއަން ރުފިޔާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފަައިވާ މުވައްޒަފުންގެ މުސާރައަށް ހޭދަވަނީ 32 މިލިއަން ރުފިޔާ ކަމަށެވެ. 

ރައީސް ވިދާޅުވީ ގޮތުގައި ކޮންމެ މިނިސްޓަރަކުވެސް ސިޔާސީ މުވައްޒަފުންގެ މަސައްކަތާ ގުޅޭ ރިޕޯޓުތައް ތައްޔާރުކޮށް ރައީސް އޮފީހަށް ފޮނުއްވަންޖެހޭނެއެވެ. އަދި ބޭނުންނުހިފޭ ސިޔާސީ މުވައްޒަފަކު ނުބަހައްޓަވާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ މަސައްކަތްނުކުރާ ސިޔާސީ މުވައްޒަފުން ވަކިކުރެވޭނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު