ENGLISH
06 ޖުލައި 2025
ކުރީ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާން ޖެހޭ ވަރު ކަމެއް މިހާރަކު ނޯންނާނެ: ރައީސް
03 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
މިދިޔަ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި، ކަންބޮޑުވާންޖެހޭ ވަރު ކަމެއް މިހާރަކު ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ އަސްކަރީ އެއްބަސްވުންތަކުގައި "ކޮންފިޑެންޝިއަލިޓީ ކްލޯޒް" ތައް ހިމެނޭ ކަމަށާއި، އެހެންކަމުން އެއްބަސްވުމުގައި ހިމެނޭ އަނެއް ޤައުމުގެ ރުހުމާ ނުލައި އެއްބަސްވުންތައް ހާމަކުރުމުގެ ފުރުސަތު ނޯންނަ ކަމަށެވެ. އަދި، އެއްބަސްވުންތައް ހާމަކުރުމާ ގުޅޭގޮތުން، ބައިލެޓްރަލް މަޝްވަރާތައް އަދިވެސް ކުރިއަށްދާކަން ރައީސް ހާމަކުރެއްވިއެވެ.
ހައިޑްރޮގްރަފީ އެއްބަސްވުމެއްގެ ތެރެއިން ކަނޑުގެ އަޑީގެ ހުރިހާ މެޕިންއެއް ހަދާގޮތަށް އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އާ ނުކުރާނެ ކަމަށާއި، އެހެންނަމަވެސް އެ ދާއިރާއިން ކެޕޭސިޓީ އިތުރުކުރުމަށް ކޮންމެ ގައުމަކަށް ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އެހެން ބަޔަކު ރާއްޖޭގައި "ސްޓޭޝަން" ވެގެން އެކަން ކުރުމަކީ ރާއްޖޭގެ މައިގަނޑު ސިޔާސަތާ ފުށޫއަރާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
ކިތަންމެ ބޮޑު ގައުމެއް ނުވަތަ ކިތަންމެ ކައިރި ގައުމަކަށް ވިޔަސް، އަދި ކިތަންމެ އެހީއެއް ވެދޭ ގައުމަކަށް ވިޔަސް ރާއްޖޭގެ މިނިވަންކަމާމެދު ސުވާލު އުފެދުމުގެ އެއްވެސް ފުރުސަތު ނުދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"މައިގަނޑު ޔަގީންކަމަކީ އަޅުގަނޑު ދޭން ބޭނުންވާ. އަޅުގަނޑުމެންގެ ޤައުމަށް ކުރިން މިދެންނެވި މިނިވަންކަމާ ސިޔާދަތު ހިމާޔަތްކުރުމުގަ ގެއްލުންވާނެ ކަމެއް އޮތީޔާ މިހާރަކު އެކަމެއް ނޯންނާނެ" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
އަސްކަރީ ދާއިރާއަށް ގެންނަވާފައިވާ ބައެއް ބަދަލުތަކުގެ ތަފްޞީލް ހާމަކޮށްދެއްވަމުން ރައީސް ވިދާޅުވީ، މީގެކުރިން ރާއްޖޭގެ އަސްކަރިއްޔާއަށް ކުރިމަތިވެފައި އޮތީ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށެވެ. އެގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކެޕޭސިޓީ އިތުރުނުކޮށް އޮތް އޮތުން ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ އަސްކަރިއްޔާއަށް ކުރިމަތިވެފައި އޮތީ ވަރަށް ނިކަމެތިކަމެއް. ވިއްސަކަށް ނުވަތަ ފަންސަވީހަކަށް އަހަރުވީ އަޅުގަނޑުމެންގެ އެމްއެންޑީއެފްގެ ކެޕޭސިޓީ ބިލްޑް ނުކުރާތާ. ހަމަ ވީރާނާވާން ދޫކޮށްލެވިފަ އޮތީ. މިއީ ވަރަށް ދެރަކަމެއް. ކޮންމެހެން އަޅުގަނޑުމެން ކުރަންޖެހޭ އެހެނިކަން ކަންކަން ހުއްޓާލާފައި މިކަން ކުރަނީކީ ނޫން. އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާ މުހިއްމު ކަންކަމާ އެކީގަ ކުރަންޖެހޭ މުހިއްމު ކަމެއް އަޅުގަނޑުމެންގެ ދިފާއީ ބާރު ވަރުގަދަކުރުމަކީ. އެއީ އަޅުގަނޑުމެންގެ ޒިންމާއެއް. ސަރުކާރެއްވިއްޔާ ސަރުކާރުގެ ޒިންމާއަކަށް ވާނެ އެގައުމުގެ ދިފާއީ ބާރު ވަރުގަދަކުރުން" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
އަސްކަރީ ދާއިރާގެ ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އެއަރކޯ އުފައްދައި ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެއިތުރުން، ކޯސްޓުގާޑް ދެގުނަކޮށް ޚިދުމަތް ފުޅާކުރުމާއި، މެރިންކޯގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ފަޔަ އެންޑް ރެސްކިއުގެ ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާއިރު، އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއްކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އެގޮތުން ދެއަހަރަށް ބަހާލައިގެން އެ ޚިދުމަތް ވަރަށް ބޮޑަށް އަޕްގްރޭޑް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ސަރަޙައްދު ވީ އެންމެ ރަނގަޅަށް ބެލެހެއްޓޭނީ ޓެކްނޮލޮޖީއަށް އިންވެސްޓްކޮށްގެން ކަމަށެވެ. އަސްކަރީ ޤާބިލްކަން އިތުރުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެއަކީ ފަޚުރުވެރި މިނިވަން ޤައުމަކަށްވެފައި، މިނިވަންކަން ހިމާޔަތްކޮށް ދެމެހެއްޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.