ENGLISH
06 ޖުލައި 2025
އަޅުގަނޑުމެންނަކީ މިނިވަން ޤައުމަކަށްވީތީ ދިފާޢީ ބާރު ވަރުގަދަ ކުރަންޖެހޭ: ރަޢީސް
03 މޭ 2025
|
ރައީސް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:ރައީސް އޮފީސް
އަޅުގަނޑުމެންނަކީ މިނިވަން ޤައުމަކަށްވީތީ އަޅުގަނޑުމެންގެ ދިފާޢީ ބާރު ވަރުގަދަ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ. މި ބީދައިން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެމްއެންޑީއެފްގެ ކެޕޭސިޓީ އެއްވެސް ވަރަކަށް އިތުރު ނުކޮށް އޮންނަތާ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތެއް ވެފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އަސްކަރީ ޤާބިލިއްޔަތު އިތުރު ކުރުމަކީ އެމަނިކުފާނު އިސްކަމެއް ދެއްވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
މިކަންކަން ކުރަނީ ބޮޑު ހަނގުރާމައަކަށް ދާން ނޫންކަން ފާހަގަކުރައްވާ ރައީސް ވަނީ ރާއްޖޭގެ އިކޮނޮމިކް ޒޯން އަޅުގަނޑުމެން އަމިއްލައަށް ޙިމާޔަތްކުރުމުގެ ޤާބިލިއްޔަތު އަޅުގަނޑުމެންގެ ކިބައިގައި ހުންނަން ޖެހޭނެކަން ފާހަގަކުރައްވައިފައެވެ. އެ މަސައްކަތަށް ވަނީ ތުރުކީ ވިލާތުގެ އެހީގައި އެންމެ ފަހުގެ ޑްރޯންތަކެއް ބޭނުންކުރަން ފަށައިފައެވެ. އަދި، ޑޯގަން ކްލާސްގެ މިސައިލް ފޮނުވޭ މަނަވަރުތަކެއް ވެސް އެ ޤައުމުގެ އެހީގައި އެމްއެންޑީއެފްގެ ފްލީޓަށް ގެނެސްފައިވެއެވެ.
މިކަމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގަ އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކުންވެސް އެންމެ ބޮޑަށް ބަލާ އެއް ކަމަކީ އިކޮނޮމިކަލް ޒޯންގެ ރައްކާތެރިކަން އޮތް މިންވަރު ކަމަށެވެ.
ރައީސް ވިދާޅުވީ، އަސްކަރީ އެއްބަސްވުންތައް ހާމަކުރުމަކީ އެމަނިފާނުގެ ވަޢުދުފެޅެއް ނަމަވެސް، އެ އެއްބަސްވުންތަކުގައި ހުންނަ ކޮންފިޑެންޝަލިޓީ ކްލޯޒްތަކުގެ ސަބަބުން މިކަން ކުރަން ދަތި ކަމަށެވެ. ނަމަވެސް އެއްބަސްވުންތަކުގައި ދެން ހިމެނޭ ޤައުމުތަކުގެ ރުހުމާއެކު އެއްބަސްވުންތައް ހާމަކުރެވެން އޮތް ވަރަކަށް ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތު ކަމަށްވާ "މޯލްޑިވްސް ފަސްޓް" ގެ ތެރޭގައި ހިމެނޭ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ޙިމާޔަތްކުރުމަށް ބުރޫއަރާނެ އެއްވެސް ކަމެއް މިހާރު ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން، ހައިޑްރޮގްރަފީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އެ އެއްބަސްވުން އައުނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިފަދަ ޕްރޮޖެކްޓުތަކަށް ބޭރު ޤައުމުތަކުގެ ސިފައިން ރާއްޖޭގަ ސްޓޭޝަންވެ ތިބުމަށް ފުރުޞަތު ނުދެއްވާނެ ކަމަށާއި، ނަމަވެސް މިލިޓަރީ އިކުއިޕްމަންޓް، ހިއުމަން ރިސޯސް އަދި ޓްރެއިނިންގ ފަދަ އެކި ދާއިރާތަކުން ރާއްޖޭގެ ކެޕޭސިޓީ އިތުރުކޮށްދޭން އެއްބާރުލުން ދޭން ބޭނުންވާ ޤައުމުތަކަށް އެ ފުރުޞަތު އޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކޯސްޓް ގާޑްގެ ފްލީޓް ދެގުނައަށް ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މީގެ އިތުރުން ވެސް ފަޔަރ އެންޑް ރެސްކިއު ސާވިސް އާއި މެރިން ކޯ ވެސް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.