ENGLISH
18 މޭ 2025
މިއަހަރުތެރޭ ދ. އަތޮޅުގައި ދެވަނަ ކަނދުފައްޗެއް އަޅަައިފި
02 މޭ 2025
|
ދ. މާދެލި ބޭރުގައި އަޅާފައިވާ ކަނދުފަތި--ފޮޓޯ:މަސްވެރިކަމާބެހޭ ވުޒާރާ
ފިޝަރީޒް މިނިސްޓްރީީން ދ މާދެލި ބޭރުގައި ސްޕޯޓްސް ފިޝިންއަށް ހާއްސަ ކަނދުފައްޗެއް އަޅައިފިއެވެ.
މިއީ މިއަހަރު ތެރޭ ދ އަތޮޅުގައި އެޅުނު ސްޕޯޓްސް ފިޝިންއަށް ހާއްސަ ދެވަނަ ކަނދުފައްޗެވެ.
މިފަހަރު އެޅި ކަނދުފަތި އަޅާފައިވަނީ ދ. މާދެލި ހުޅަނގުން 6 މޭލު ބޭރުގައެވެ. މި ކަނދުފަތި ނަންބަރަކީ K08V02 އެވެ. މީގެ ކުރިން މިއަހަރުގެ ޖެނުއަރީ މަހު ދ. މީދޫ އިރުން 5.5 މޭލު ބޭރުގައިވެސް ވަނީ ކަނދުފައްޗެއް ގާއިމުކޮށްފަ އެވެ. އެކަނދުފަތީގެ ނަންބަރަކީ K09V02 އެވެ.
ދ. މާދެލި ބޭރުގައި ކަނދުފަތި އަޅާފައިވާ ސަރަހައްދު--ފޮޓޯ:މަސްވެރިކަމާބެހޭ ވުޒާރާ
މަސްވެރިކަމާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތިތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކަނދުފަތި އެޅުމުގެ އިތުރުން، ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތުކުރެއްވުމުގެ މަސައްކަތްވެސް އެ ވުޒާރާއިން ދަނީ ކުރަމުންނެވެ.
ކަނދުފަތިތަކަކީ އޮއިވާލުގައި މަސް އަޅާ އުސޫލުން މަސައްކަތްކުރާ އެއްޗެކެވެ. އަދި ކަނދުފަތީގައި އަޅާ ހިޔަނީގެ ސަބަބުން، ކަނދުފަތި ކައިރިއަށް މަސް ޖަމާވެއެވެ. މިހެންވުމުގެ ސަބަބުން ކަނދުފަތީގެ ކައިރީގައި މަސްވެރިކަން ވަރަށް ބޮޑަށް ތިޔާގިވެގެންދެއެވެ.
ދ. މާދެލި ބޭރުގައި ކަނދުފަތި އެޅުމުގެ ތެރެއިން--ފޮޓޯ:މަސްވެރިކަމާބެހޭ ވުޒާރާ
ރާއްޖޭގައި ދެ ބާވަތެއްގެ ކަނދުފަތި އަޅައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ. ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފަތި ފަރުމާކޮށްފައިވަނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަ އަދި ހޯދަން ފަސޭހަވާ ގޮތަށް "ރީނދޫ" ކުލައިގައެވެ.
މިކަނދުފަތިތައް ޤާއިމްކުރަނީ ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައެވެ. ރާއްޖޭގައި މިވަގުތު ވަނީ ދޮށީގެ މަސްވެރިކަމަށް 65 ކަނދުފައްޗާއި ސްޕޯޓްސް ފިޝިންއަށް 26 ކަނދުފަތި އަޅައިފައެވެ.
ރާއްޖޭގައި މިވަގުތު ހުރީ ކަނދުފަތި ގާއިމްކުރާ އެންމެ ސެންޓަރެކެވެ. އެއީ ހުޅުމާލޭގަ ހުންނަ ތަނެވެ. މިކަމަށް އޮތް ޑިމާންޑްގެ ބޮޑުކަމުންނާއެކު، މި ސަރުކާރުން އަންނަނީ އުތުރުން ށ. ފުނަދޫގައި އަދި ދެކުނުން އައްޑޫގައި ކަނދުފަތި ގާއިމުކުރާ ސެންޓަރުތައް އެޅުމަށް މަސައްކަތް ކުރަމުންނެވެ.