ENGLISH
06 ޖުލައި 2025
ނުރައްކާތެރި ޖަރާސީމަށް ފަސް ކުއްޖަކު ފައްސި، އިތުރު ފަރުވާއަށް ބޭރަށް ފޮނުވަނީ
02 މޭ 2025
|
އައިޖީއެމްއެޗް
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް, އައިޖީއެމްއެޗުގެ އެންއައިސީޔޫ ގައި ފަރުވާ ދެމުންދިޔަ ފަސް ކުއްޖެއްގެ ގައިން ނުރައްކާތެރި ބެކްޓީރިއާ ފެނިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ހޮސްޕިޓަލުން ވަނީ އެންއައިސީޔޫއިން ނުރައްކާތެރި ބެކްޓީރިއާ އެއް ފެނިފައިވާކަން މިއަދު ހަވީރު ހާމަކޮށްފަ އެވެ. އޭގެ ފަހުން މިރޭ ވަނީ އެ ތަފްސީލް ހިމަނާ ބަޔާނެއް ވެސް ނެރެފަ އެވެ.
އެ ބަޔާނުގައި ބުނީ 28 ހަފްތާއަށް ވުރެ ކުރީން އުފަންވެ އެންއައިސީޔޫގައި ފަރުވާ ދެމުންދިޔަ ކުއްޖެއްގެ ހަށިގަނޑުން ނެގި ސާމްޕަލްއަކުން އެމްޑީއާރު “ބަރކޯލްޑޭރިއާ ސެޕޭޝިޔާ” ފެނިފައިވާ ކަމަށެވެ. ވަގުތުން ކުއްޖާ އައިސޮލޭޓް ކުރެވި ޖަރާސީމު އިތުރަށް ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން އިތުރު ކުދީންގެ ގައިން ނެގުނު ސާމްޕަލްތަކުން އިތުރު ހަތަރު ކުއްޖަކުގެ ގައިން މި ބެކްޓީރިއާ ފެނިފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. މިއީ ދުވަސް ނުފުރާ ވިހާފައިވާ ތިން ކުއްޖަކާއި ދުވަސްފުރާ ވިހެއި ކުއްޖެކެވެ.
އެ ހުރިހާ ކުދީންނަކީ ވެސް ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ ކުދީންނެވެ.
އައިޖީއެމްއެޗުން ބުނީ އަވަސްކަމާއެކު އެޅި ފިޔަވަޅުތަކުން އިންފެކްޝަން ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އެންއައިސީޔޫގައި މިވަގުތު 10 ކުއްޖަކަށް ފަރުވާ ދެމުންދާއިރު ފަސް ކުއްޖަކީ މި އިންފެކްޝަނަށް ފައްސިވެފައިވާ ކުދީންނެވެ.
މި ފަސް ކުދީންގެ ފަރުވާގެ ކަންކަން ކުރިއަށް ދަނީ ރައްކާތެެެރިކަމުގެ ފިޔަވަޅުތަކާއެކު އައިސޮލޭޓް ކުރެވިގެން ކަމަށް ވެސް ބުންޏެވެ.
އަދި ބުނީ މި ކުދީންގެ ތެރެއިން އިތުރު ފަރުވާ ބޭނުންވާ ކުދީން ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ.