ENGLISH
06 ޖުލައި 2025
ސަލަފުގެ ޢިލްމުވެރީންގެ އަހަރީ ބައްދަލްވުން ފަށާ، ދުޢާތުންގެ މަޖްލީސް އިފްތިތާޙް ކޮށްފި
01 މޭ 2025
|
ޖަމްޢިއްޔަތުއްސަލަފުގެ ދުޢާތުންގެ މަޖްލީސް އިފްތިތާޙް ކުރުން
ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރީންގެ އަހަރީ ބައްދަލްވުން ފަށައި އެ ޖަމިއްޔާގެ ދުޢާތުންގެ މަޖްލީސް މިއަދު ރަސްމީކޮށް އިފްތިތާޙް ކޮށްފި އެވެ.
ސަލަފުގެ ޢިލްމުވެރީންގެ އަހަރީ ބައްދަލްވުން ކުރިއަށް ދަނީ އިސްލާމީ މަރުކަޒުގެ ހޯލުގަ އެވެ. މި އަހަރުގެ ބައްދަލްވުން ފެށުމަށް މިއަދު ހެނދުނު އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ތަޢުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީޢު އެވެ.
މި ރަސްމިއްޔާތުގައި އެންމެ ޚާއްސަ ކަމަކަށް އޮތީ ޖަމްޢިއްޔަތުއްސަލަފުގެ ދުޢާތުންގެ މަޖްލީސް އިފްތިތާޙު ކުުރުމެވެ. 63 ޢިލްމުވެރީން ހިމެނިވަޑައިގަންނަވާ މި މަޖިލީސް އިފްތިތާޙު ކޮށް ދެއްވީ ވަޒީރު އިސްމާއީލް ޝަފީޢު އެވެ.
އޭގެ ފަހުން ވަނީ ދުޢާތުންގެ މަޖިލީހުގެ މައިގަނޑު މަޤްސަދާއި މަސްއޫލިއްޔަތުތަކާއި އެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޢިލްމުވެރީން ތަޢާރަފުކޮށްފަ އެވެ.
ވަރަށް ގިނަ އަދަދެއްގެ ޢިލްމުވެރީން ބައިވެރިވެވަޑައިގެންނެވި މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތަޢުލީމާއި ބެހޭ ވަޒީރު ވިދާޅުވީ ދީނީ މައުލޫމާތު ފަތުރާ ދީނީ ގޮތުން ރަނގަޅު މުޖްތަމަޢުއަކަށް ދިވެހި މުޖްތަމަޢު ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު ތަސައްވުރެއް ކަމަށެވެ.
ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ޤައުމާއި މުޚާތަބު ކުރައްވާ ދެއްވި ފުރަތަމަ ތަޤުރީރުގައި ވެސް އެމަނިކުފާނު އެކަން ފާހަގަ ކުރައްވާފައިވާ ކަން ވަޒީރު ފާހަގަ ކުރެއްވި އެވެ.
"ސަލަފުގެ އިލްމުވެރިންގެ އަހަރީ ބައްދަލުވުން 1446-2025" މިއަދާއި މާދާމާ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަސައްކަތު ބައްދަލުވުމުގައި ދަރުސް ދިނުމުގެ ތަފާތު ހުނަރު ތަކާއި ބެހޭ ފަންނީ ހުނަރު ތަކާ ބެހޭ ހާއްސަ ސެޝަންތައް ކަމާބެހޭ ތަޖުރިބާކާރުން ނައްގަވާދެންވާނެއެވެ.
އެގޮތުން ދިވެހި ބަހުގެ ގަވާއިދާ ތަގުރީރު ކުރުމުގެ ހުނަރު ތައް އަދި އިމޯޝަނަލް އިންޓެލިޖެންސް ފަދަ ސެޝަންތައް ހިމެނެ އެވެ.
މީގެ އިތުުރުން ތަފާތު އިލްމުވެރިން ދަރުސް ދެއްވާ ގޮތާ ބެހޭގޮތުން އެބޭފުޅުންގެ އަމިއްލަ ތަޖުރިބާއާއި ދިވެހި ރާއްޖޭގެ ދީނީ ހޭލުންތެރި ކަމުގެ ތާރީހާ ބެހޭ ޕެނަލް ޑިސްކަޝަން އެއްވެސް ކުރިއަށްދާނެއެވެ.
އަދި ދައުވަތުގެ މައިދާނުގައި ދިމާވާ ތަފާތު އެކި އެކި ކަންކަމާ ގުޅޭގޮތުން މަސައްކަތު ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި މަޝްވަރާ ކުރުންވެސް ކުރިއަށް ދާނެ އެވެ.