ENGLISH

06 ޖުލައި 2025

Advertisement

ތާރީޚުގެ ތެެރެއިން މަސައްކަތްތެރިންގެ ދުވަސް, ބޭނުންތެރި މުހިންމު ދުވަހެއް

01 މޭ 2025

|

ޝާމަ ޝުޢައިބު

މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކޮށް ބޭއްވި މުޒާހަރާ - ފޮޓޯ: އިންވެސްޓޮޕީޑިއާ

ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމަކީ، އިންސާނަކަށްވީތީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ އަދި އިޖްތިމާއީ ވާޖިބެކެވެ. ކޮންމެ ގައުމެއްގައިވެސް، މަސައްކަތްތެރިންނަކީ، އެ ގައުމެއްގެ ތަރައްގީ ތަސައްވުރުތައް ހަގީގަތަކަށް ހަދައިދޭ މީހުންނެވެ. 

މީގެ އަހަރުތަކެއް ކުރިން 1889 ވަނަ އަހަރު، އެމެރިކާގެ ޗިކާގޯ ސިޓީގައި ހިނގި "ހޭ މާކެޓް" މުޒާހަރާގެ ހަނދާނުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރަން ފެށި މަސައްކަތްތެރިންގެ ދުވަހުގެ މައިގަނޑު މަގްސަދަކީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް، އެ މީހުންގެ އަގު ވަޒަންކުރުމެވެ.

މި ދުވަހުގައި މަސައްކަތްތެރިންގެ ހިތްވަރާއި މިންނަތް މަސައްކަތް ފާހަގަކޮށް، އެ މީހުންގެ މަސައްކަތުގެ އަގު ވަޒަން ކުރެއެވެ. އަދި މަސައްކަތްތެރިންނަށް ދިމާވާ ގޮންޖެހުންތަކާއި މައްސަލަތަކަށް އަލިއަޅުވާލައި، އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ހަނދާންކޮށްދެއެވެ. 

ދިވެހިރާއްޖޭގައި 2011 ވަނަ އަހަރުން ފެށިގެން ރަސްމީކޮށް މި ދުވަސް ފާހަގަކުރަން ފެށުނެވެ. މޭ އެކެއްގައި ފާހަގަކުރާ މި ދުވަހުގައި ރާއްޖޭގައި ވެސް އެކި ކަހަލަ ހަރަކާތްތައް ބޭއްވެ އެވެ. މިގޮތުން މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ ސެމިނަރތަކާއި، މަސައްކަތްތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ ހަފްލާތައް ފާހަގަކޮށްލެވެ އެވެ.

ރާއްޖޭގައި މި ދުވަސް ފާހަގަކުރަން ފެށުމާއެކު، މަސައްކަތްތެރިންގެ ހައްގުތަކާ މެދު ހޭލުންތެރިކަން ވަނީ އިތުރުވެފައެވެ. އަދި ވަޒީފާއާބެހޭ ގާނޫނުތަކާ ގަވާއިދުތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެފައިވެއެވެ. މީގެ އިތުރުން، މަސައްކަތްތެރިންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމަށާއި، އެމީހުންގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް މި ދުވަސް މުހިންމު ދައުރެއް އަދާކުރެއެވެ.

މަސައްކަތްތެރިންގެ ދުވަހަކީ ހަމައެކަނި އެންމެ ދުވަހެއްގެ ގޮތުގައި ދެކި އެކަން ފާހަގަ ކުރުމުގެ ބަދަލުގައި، އަހަރުގެ ކޮންމެ ދުވަހަކީ ވެސް މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް، އެމީހުންގެ އަގު ވަޒަން ކުރުން މުހިއްމު ދުވަހެެކެވެ. މިއީ މި ގައުމުގެ ކުރިއެރުމާއި ތަރައްގީއަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެންކަމުން، މަސައްކަތްތެރިންގެ ދުވަހު އަޅުގަނޑުމެން އެންމެންވެސް ހަނދާންކުރަންވީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމާއި، އެމީހުންގެ އަގު ވަޒަންކުރުމަކީ ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަމެއް ކަމެވެ. 

މަސައްކަތްތެރިންގެ ދުވަހަކީ ހަމައެކަނި ޗުއްޓީ ދުވަހެއް ކަމުގައި ދެކުމުގެ ބަދަލުގައި، މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ މީހުން އެކުވެ، މަސައްކަތްތެރިންގެ ދައުރާމެދު ފުންކޮށް ވިސްނައި، އެމީހުންގެ ހައްގުތަކަށް އިހުތިރާމްކުރާ ދުވަހަކަށް ހަދަން ޖެހެއެވެ. މިގޮތުން، ވަޒީފާދޭ ފަރާތްތަކުން މުވައްޒަފުންގެ މަސައްކަތުގެ މާހައުލު އިތުރަށް ރަނގަޅުކޮށް، އެކަށީގެންވާ މުސާރައާއި އިނާޔަތްތައް ދިނުމަށް އަހަންމިއްޔަތުކަން ދޭންޖެހެ އެވެ.

ކިޔުންތެރިންގެ ހިޔާލު