ENGLISH
06 ޖުލައި 2025
ހުއްދައާއި ރަޖިސްޓްރީ ނެތި އިންވެސްޓްމެންޓްތައް ހިންގާ މީހުންނާމެދު ސަމާލުވާން އެދިއްޖެ
01 މޭ 2025
|
ފޮޓޯ: އިންޓަނެޓް
ސައްޙަ ހުއްދައާއި ރަޖިސްޓްރީ ނެތި އިންވެސްޓްމެންޓްތައް ހިންގާ ފަރަތްތަކަށް ސަމާލުވުމަށް ކެޕިޓަލް މާކެޓު ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.
ސީއެމްޑީއޭއިން އިއްޔެ ނެރުނު އިއުލާނުގައި ބުނީ ކަމާބެހޭ ގަވައިދުތަކުގެ ހުއްދައާ ނުލައި މާލީ މުދަލާއި ޚިދުމަތްތައް ވިއްކާ ވިޔަފާރި ކުރަމުންދާ ކަމުގެ މައުލޫމާތު އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެފަދަ ކަންކަން ހިންގޭނީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނުގެ ދަށުން، އެ އޮތޯރިޓީގެ ހުއްދައާއެކުގައި ކަމަށް ބުނެފައިވެއެވެ. އެހެންކަމުން، މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް، އެފަދަ ސްކީމްތަކުގައި ބައިވެރިވުމަށް ލިބޭ ދައުވަތުތަކާމެދު ސަމާލުވުމަށް އެ އޮތޯރިޓީއިން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އިންވެސްޓު ކުރުމަށް ނިންމުމުގެ ކުރިން، އިންވެސްޓް ކުރުމަށް ދައުވަތުދޭ ފަރާތަކީ އެ އޮތޯރިޓީގެ ހުއްދަ ލިބިފައިވާ ފަރާތެއްތޯ ކަށަވަރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، ހުއްދައާއި ރަޖިސްޓްރީ ނުލިބި ފައިސާ އިންވެސްޓުކޮށްގެން ފައިސާ ލިބޭނެ ކަމަށް ދައްކައިގެން އިންވެސްޓްމެންޓްތައް ހިންގާ ފަރާތްތައް ރިޕޯޓުކުރުމަށް ވެސް ސީއެމްޑީއޭއިން ވަނީ އެދިފައެވެ.
ސީއެމްޑީއޭގައި ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އަދި، އޮތޯރިޓީގެ ނަންބަރު 3336619 ފޯނާ ގުޅުއްވައިގެން އޮޅުންފިލުވޭނެކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. ހުއްދަ ނެތި އެފަދަ ސްކީމްތައް ހިންގާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް، ނުވަތަ ޝަކުވާ ހުށަހެޅުމަށް އެ އޮތޯރިޓީއަށް މެއިލް ކުރުމަށް ވެސް ވަނީ އެދިފައެވެ.