ENGLISH

06 ޖުލައި 2025

Advertisement

2024 ވަނަ އަހަރު އެމްއެމްއޭއިން އެސްއޯއީތަކަށް 651.8 މިލިއަން ޑޮލަރު ވިއްކި

01 މޭ 2025

|

ޝާމަ ޝުޢައިބު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ފާއިތުވި 2024 ވަނަ އަހަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ތަކަށް 651.8 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ. 

އެމްއެމްއޭ އިން އާންމު ކޮށްފައިވާ އެ އޮތޯރިޓީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނީ މިދިޔަ އަހަރު އެމްއެމްއޭ އިން 997.7 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. 

އެގޮތުން އެ އޮތޯރިޓީން ވިއްކި ޑޮލަރުގެ 65.3 އިންސައްތަ ވިއްކާފައިވަނީ އެސްއޯއީތަކަށް ކަން ފާހަގަކޮށްފައިވެއެވެ. ރިޕޯޓުގައި ބުނީ އެއީ ޖުމްލަ 651.8 މިލިއަން ޑޮލަރު ކަމަށެވެ. 

އެ ރިޕޯޓުގައި ބުނީ އެމްއެމްއޭ އިން މިދިޔަ އަހަރު ބޭންކުތަކަށް ވިއްކީ 346 މިލިއަން ޑޮލަރު ކަމަށެވެ. އޭގެތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް ވިއްކާ 500 ޑޮލަރު ހިމެނޭކަމަށް ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެއީ އެމްއެމްއޭ އިން ވިއްކި ޑޮލަރުގެ 34.7 އިންސައްތައެވެ. 

އެމްއެމްއޭ އިން 2023 ވަނަ އަހަރު ވިއްކީ 995 މިލިއަން ޑޮލަރެވެ. އެ އަހަރު ވިއްކި ޑޮލަރުގެ ތެރެއިން 69 އިންސައްތަ ޑޮލަރު ވިއްކާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. އެއީ 687.8 މިލިއަން ޑޮލަރެވެ. އަދި ބޭންކުތަކަށް އެ އަހަރު ވިއްކީ 307.6 މިލިއަން ޑޮލަރެވެ. 

ދާދިފަހުން އިކޮނިމިކް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުހައްމަދު ސަޢީދު ވިދާޅުވީ ބޭރު ފައިސާ މާރުކުރުމާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށިފަހުން މާޗް މަހާއި ހަމައަށް 150 މިލިއަން ރުފިޔާ (2.3 ބިލިއަން ރުފިޔާ) ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޕޮޑްކާސްޓުގައި ވެސް ދާދިފަހުން ފާހަގަކުރައްވާފައިވާ ކަމަށެވެ. ކުރިއާ އަޅާބަލާއިރު ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރު 40 ޕަސެންޓް އިތުރުވެފަައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ ބޭރުފައިސާއާ ބެހޭ ގަވާއިދަށް އަމަލުކުރުމުގެ ނަތީޖާއެއްގެ ގޮތުން، ކަޅުބާޒާރުގައި ޑޮަލަރުގެ އަގު ދަށްވެ ކަޅުބާޒާރު ވެސް އަވަސް ފުރުސަތެއްގައި ހީނަރުވެގެން ދާނެކަމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފާހަގަކުރައްވާފައިވާ ކަމަށެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ 2025 ވަނަ އަހަރު ޖެނުއަރީ އަދި ފެބްރުއަރީ މަހުގެ ތެރޭގައި އެކްސްޕޯޓުން ލިބުނު ޖުމްލަ ބޭރުފައިސާގެ އާމްދަނީ 2024 ވަނަ އަހަރާ އަޅާބަލާއިރު 11 ޕަސެންޓް އިތުރުވެފައިވާކަން ފާހަގަކުރަން ޖެހޭ ކަމަށެވެ. އަދި މި އަަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި މަހުގެ ބާވަތްތަކުގެ އެކްސްޕޯޓް އިތުރުވުމަކީ ވެސް ޑޮަލަރުން ލިބޭ އާމްދަނީ އަށް ހެޔޮބަދަލު އަންނާނެ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ބޭފު ފައިސާ ބޭންކަށް މާރުކުރުމުގެ ނަތީޖާއަކަށް ވާނީ އާންމު ރައްޔިތުންނަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެން ދާނެ ކަމެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު