ENGLISH
06 ޖުލައި 2025
ސަރުކާރުގެ ކާމިޔާބީގެ އާބޮޅެއް، 150،000 ބިދޭސީންގެ ޑޭޓާބޭސް އަދާހަމަކޮށްފި
01 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ވަޒީރުގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
މިއަދަކީ ސަރުކާރަށް ކާމިޔާބީގެ އާބޮޅެއް އިތުރުވި ދުވަހެއް ކަމަށާއި، އެގޮތުން މިހާތަނަށް 150،000 ބިދޭސީ މަސައްކަތްތެރިންގެ ޑޭޓާބޭސް އަދާހަމަކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބިދޭސީ މަސައްކަތްތެރިންގެ އަދާހަމައިގެ ކާމިޔާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއްމުކުރެއްވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅުވައިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދޮޅުލައްކަ ބިދޭސީންގެ ޑޭޓާބޭސް އަދާހަމަކޮށްފައިވަނީ، މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯއާ އެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މިއަހަރުގެ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާއިރު ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާމެދު ވިސްނާލަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
"ޤަވާއިދާ ހިލާފަށް އުޅެމުން މަސައްކަތްކުރުވުމުގެ ނަތީއްޖާއެއްގެގޮތުން އެމީހުންގެ އަސާސީ އިންސާނީ ހައްގުތައްވެސް ވަނީ ނިގުޅައިގަނެވިފަ. މިމައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މިސަރުކާރުގެ އަމާޒެއް. މިކަމަށްޓަކައި ކުރެވޭ އެއްމެ ފުރަތަމަ އަދި އެއްމެ މުހިއްމު މަސައްކަތަކީ ހުރިހާ ބިދޭސީ މަސައްކަތްތެރިންނަކީވެސް ކާކުކަން ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުން" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ވަނީ ބިދޭސީ މަސައްކަތްތެރިންގެ ޑޭޓާބޭސް އެކުލަވާލުމުގެ މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންވިއިރު ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ އޮތީ ބޮޑުވެފައެވެ. އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ބޮޑު އިސްކަމެއް ދެއްވައިގެން ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލުކުރައްވަން ފެއްޓެވިއެވެ. އެގޮތުން ބަޔޯމެޓްރިކް ޑޭޓާބޭސް އެކުލަވާލުމުގެ އިތުރުން، ސަރުކާރުން އަންނަނީ ނުޤަވާއިދުން ރާއްޖޭގައި އުޅޭ ބިދޭސީން ހޯދަން ޚާއްޞަ އޮޕަރޭޝަންތައް ހިންގައި އެ މައްސަލަތައް ބަލަމުންނެވެ.