ENGLISH
06 ޖުލައި 2025
މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ
01 މޭ 2025
|
އެސްޓީއޯ ހެޑް އޮފީސް. ފޮޓޯ: އެމްއެމްޓީވީ
މިއަހަރުގެ ފުރަތަމަ ކުއާޓާގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް އާމްދަނީގެ ގޮތުގައި 4.02 ބިލިއަން ރުފިޔާ ލިބިއްޖެކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ، 2024 ގެ ހަތަރުވަނަ ކުއާޓަރގައި ލިބުނު 3.84 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު %4.6 ގެ ކުރިއެރުމެކެވެ. ފުރަތަމަ ކުއާޓަރގައި އެސްޓީއޯއަށް ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 583 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 617 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެސްޓީއޯއަށް ލިބުނު ޖުމްލަ ފައިދާ ދަށްވުމުގެ މައިގަނޑު ސަބަބެއްކަމަށް އެކުންފުނިން ބުނެފައިވަނީ، ތެޔޮ ވިއްކާ އަގު ދަށްކުރުމެވެ.
އެސްޓީއޯ ހިންގުމުގެ ފައިދާގެ ގޮތުގައި 263 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 308 މިލިއަން ރުފިޔާ އަދި ކުރީ ކުއާޓަރގައި ލިބުނު 300 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.
އެކުންފުނިން ބުނީ، ހިންގުމުގެ ޚަރަދުތައް ރަނގަޅަށް ބެލެހެއްޓިފައިވީ ނަމަވެސް، ޖުމްލަ ފައިދާ ދަށްވުމާއި އާމްދަނީ ލިބޭ ވަގުތުގެ ތަފާތުން ހިންގުމުގެ ނަތީޖާއަށް އަސަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ޓެކްސްއަށް ކެނޑުމަށްފަހު ފުރަތަމަ ތިންމަސްދުވަހުގެ ތެރޭގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ، 169 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 195 މިލިއަން ރުފިޔާއާ އަޅާބަލާއިރު %13.5 ދަށް އަދަދެކެވެ.
މި ދަށްވުން އައިސްފައިވަނީ ޖުމްލަ ފައިދާ ދަށްވުމާއި ޕްރޮވިޜަންތައް އިތުރުވުމުގެ ސަބަބުން، ނަމަވެސް ވިޔަފާރީގެ ހުރިހާ ދާއިރާއަކުންވެސް ފައިދާ ލިބި، ލަފާކުރެވުނު މިންވަރުގައި ހިފެހެއްޓިފައިވާކަމަށް އެކުންފުނިން ބުނެއެވެ.