ENGLISH

06 ޖުލައި 2025

Advertisement

ރައީސްގެ އިލްތިމާސް: ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ސަމާލުކަން ދެއްވާ

01 މޭ 2025

|

އަޙުމަދު ޙަމީދު

ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ޚާއްސަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި އެންމެހާ ބެލެނިވެރިންނަށް އިލްތިމާސްކުރައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ދިވެހީން އެދޭ ތަމައްދުން ޙާޞިލް ކުރެވޭނީ އެންމެ ދިވެއްސަކުވެސް، މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން ދޫކޮށް ނުލަން މުޅި މުޖްތަމަޢު ގުޅިގެން ޤައުމީ މަސައްކަތްތަކެއް ފެށިގެންކަމުގައި ވިދާޅުވި އެވެ.

އަދި ކޮންމެ ދުވަހަކުވެސް މި ޤައުމު ކުރިއަށް ފިޔަވަޅުތަކެއް އަޅަނީ މަސައްކަތްތެރީންގެ ސަބަބުންކަމުގައި ފާހަގަކުރައްވައި މަސައްކަތްތެރީންގެ އަޑު އެހުމުގައި، އަދި މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމުދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ސަރުކާރު ދެމި އޮންނާނެކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

“މަސައްކަތްތެރީންގެ ބައިނަލްއަޤްވާމީ ދުވަހު، ދިވެހި ކޮންމެ ބެލެނިވެރިއަކަށް އަޅުގަނޑުގެ އިލްތިމާސަކީ، ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ޚާއްޞަ ސަމާލުކަމެއް ދިނުމެވެ. އެއާއެކު، އެންމެ ދިވެއްސަކުވެސް، މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން ދޫކޮށް ނުލަން މުޅި މުޖުތަމަޢު ގުޅިގެން ޤައުމީ މަސައްކަތްތަކެއް ފަށަން ޖެހެއެވެ. ދިވެހީން އެދޭ ތަމައްދުން ހާސިލު ކުރެވޭނީ އޭރުންނެވެ،” ރައީސްގެ ޚިތާބުގައި ވިދާޅުވި އެވެ.

ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރުކުރުމަށާއި، ވަޒީފާގެ ފުރުޞަތުތައް ގިނަ ކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭކަމަށެވެ.

އަދި ޤައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަކުރުމަށްޓަކައި، މަސައްކަތުގެ އަޚްލާޤާއި، ހުނަރު ދަސްކޮށްދިނުން ތަޢުލީމީ މަންހަޖުގައި އިތުރުކުރަން ޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާގެ ސުންނަތުގައިވާ ގޮތަށް ކޮންމެ މުސްލިމަކީވެސް ކެރި ކުޅަދާނަވީ މިންވަރަކުން، މަސައްކަތްތެރިއަކަށް ވުމަށް އެމަނިކުފާނު ބާރުއަޅުއްވާފައިވެއެވެ.

“ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާގެ ސުންނަތާއި އެކަލޭގެފާނުގެ އިރުޝާދުތަކުން ފެންނަން އޮތް އެއް ޙަޤީޤަތަކީ، ދިރިއުޅުމަށްޓަކައި މަސައްކަތްކޮށް، ޙަލާލް ރިޒްޤު ހޯދުމަކީ ސަވާބު ލިބެނިވި އަޅުކަމެއް ކަމެވެ. އަދި ކޮންމެ މުސްލިމަކީވެސް ކެރި ކުޅަދާނަވީ މިންވަރަކުން މަސައްކަތްތެރިއަކަށް ވާން ޖެހޭނޭ ކަމެވެ،”

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލަވަމުން "ދިވެހި އުންމަތުގެ ހަކަތައަކީ، ބުންވަރަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި މި ޤައުމުގެ ހީވާގި ޚިދުމަތްތެރީން" ކަމުގައި ވިދާޅުވި އެވެ.

އަދި ދިވެހިރާއްޖެ މިއަދު މި ދެކޭ ހިސާބަށް ގެނެސްދިނީ މަސައްކަތްތެރީކަމަށާއި އަދި، މާދަމާ ޤައުމު ދާން އުންމީދު ކުރާ އުސްމިންތަކަށް ވާޞިލުކޮށްދޭނީވެސް މަސައްކަތްތެރީން ކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު