ENGLISH
06 ޖުލައި 2025
ހާފިޡުކަމުގެ ސަނަދު ހާސިލްކުރާ ކ. ހުރާގެ ކޮންމެ ރައްޔިތަކަށް ކައުންސިލުން 150,000 ރުފިޔާ ދެނީ
30 އޭޕްރީލު 2025
|
މިއަހަރު ބޭއްވި ހާފިޡުކަމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން. -ފޮޓޯ:އިސްލާމިކް މިނިސްޓްރީ
މާލެ އަތޮޅު ހުރާގެ ރައްޔިތުންގެ ތެރެއިން ގުރުއާން ހިތުދަސްކޮށް، ހާފިޡުކަމުގެ ސަނަދު ހާސިލްކުރާ ކޮންމެ ފަރާތަކަަށް 150،000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާ ދިނުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުމަށް ހުރާ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޚާއްސަކޮށް ޒުވާން ހާފިޡުން ތަމްރީނުކުރުމަށް ޕްރޮގްރާމެއް ހިންގަން އެކައުންސިލުން ވަނީ ނިންމައިފައެވެ. މި ނިންމުންތައް ނިންމާފައިވަނީ ހުރާ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 233 ވަނަ އާއްމު ބައްދަލުވުމުގައެވެ.
މިކަމާ ގުޅޭގޮތުން އެމްއެމްޓީވީއަށް މައުލޫމާތު ދެއްވަމުން ހުރާ ކައުންސިލުގެ ނައިބު ރައީސް ޢަބްދުﷲ އިބްރާހިމް ވިދާޅުވީ ރަށުގައި ހިންގާ ހާފިޡުން ތަމްރީނުކުރާ ޕްރޮގްރާމްގައި ބައިވެރިވެގެން ސަނަދު ހާސިލްކުރާ ހުރާގެ ކޮންމެ ހާފިޡަކަށާއި އަދި އަމިއްލަ ގޮތުން ހާފިޡުކަމުގެ ސަނަދު ހާސިލްކުރާ ހުރާގެ ކޮންމެ ފަރާތަކަށް ވެސް 150،000 ރުފިޔާ ކައުންސިލްގެ ފަރާތުން ދޭނެ ކަމަށެވެ.
މީގެ އިތުރުން އަބްދުﷲ އިބްރާހިމް ވިދާޅުވީ ހުރާ ކައުންސިލުން ދީނީ ކަންކަމަށް ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދޭ ކަމަށެވެ. އެގޮތުން މިދިޔަ ރަމަޟާންމަހު ހުރާ ކައުންސިލުން ރަށު ރައްޔިތުންނަށް ހުޅުވާލައިގެން ބޭއްވި ގުރުއާން މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ގާތްގަނޑަކަށް 300،000 (ތިން ލައްކަ) ރުފިޔާގެ އަގުހުރި އިނާމު ދީފައިވެއެވެ. އަދި މިހާރު އިއުލާނުކޮށްފައިވާ މަދަހަ މުބާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދިނުމަށް ވެސް ވަނީ ނިންމާފައެެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީން ދަނީ ޒުވާނުން ދިނީ ކަންކަމަށް އަހުކުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޭގެ ތެރޭގައި ޒުވާން ޚަތީބުންނާއި އިމާމުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ހިންގާފައިވެއެވެ. އަދި ވަކިން ޚާއްސަކޮށް ހާފިޒުން ތަމްރީނުކުރުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމާ ހަވާލުވެ، ޙާފިޒުންނަށް ސަނަދު ދިނުމަށް އޮންނަ އުޞޫލަށް ބައެއް ބަދަލުތައް ގެނެސްފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމުން ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް ސަނަދު ދެވޭނީ މީގެކުރިން ޤުރުއާނާބެހޭ މަރުކަޒުގެ އިމްތިޙާން ހެދުމަށް ފަހުއެވެ. ނަމަވެސް މިހާރު އައިޔޫއެމުން ޤުރުއާން ހިތުދަސްކުރާ ކުދިން، ދަސްވެނިމުމުން ޤުރުއާނާބެހޭ މަރުކަޒުގެ އިމްތިޙާން ނުހަދާ ސަނަދު ދެވޭގޮތަށް އުޞޫލު ވަނީ ބަދަލުކޮށްފައެވެ. މީގެ އިތުރުން ރަށްރަށުގައި ތިބެގެން ޤުރުއާން ހިތު ދަސްކޮށް، މުރާޖައާކުރުމަށްފަހު ހަމައެކަނި އިމްތިހާން ހެދުމަށް މާލެ އަންނަ ގޮތަށް ވެސް އުޞޫލު ވަނީ ބަދަލުކޮށްފައެވެ. މީގެކުރިން ޤުރުއާން މުރާޖައާކުރުމަށް ވެސް އަންނަންޖެހޭނީ މާލެއަށެވެ.
މިއަހަރު ވަނީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހާފިޡުން ދަސްވެނިވުމަށް ޚާއްސަކޮށް ރަސްމިއްޔާތެއް ބާއްވާފައެެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފްވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.