ENGLISH
06 ޖުލައި 2025
ރިޔާސީ ކޮމިޝަން: މުނައްވަރު ދެއްވީ ކޮމިޝަނުގެ މަސައްކަތް މިނިވަންކަމާއެކު ގެންދާނެ ކަމުގެ ޔަގީންކަން
30 އޭޕްރީލު 2025
|
ޑރ. މުހައްމަދު މުނައްވަރު - ފޮޓޯ: އެމްއެމްޓީވީ
އެޕްރީލް 18، 2025 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން ތަހުގީގެއްކޮށް ލަފާ ދިނުމަށް ޓަކައި، 27 އެޕްރިލް 2025 ގައި އުފެއްދެވި ކޮމިޝަނުގެ މަސައްކަތް ކުރިއަށް ގެންދާނީ ފުރިހަމަ މިނިވަންކަމާ އެކުގައި ކަމަށާއި އެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް އެ ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ތަހުގީގަށް އެއްބާރުލުން ބޭނުންވާ، ސަރުކާރުގެ އިދާރާތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމާ ފުރަތަމަ ބައްދަލުވުން މިހާރު ބާއްވާފައިވާ ކަމަށެވެ.
ކުރީގެ ބަންޑާރަ ނައިބު ޑރ. މުނައްވަރު ވިދާޅުވީ އެ ކޮމިޝަނުން މިނިވަންކަމާއެކު ބަލަންޖެހޭ ކަންކަން ބެލުމަށް އޭނާގެ މައްޗަށް ނުފޫޒުފޯރުވަން ފަސޭހަ ނުވާނެ ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް ކޮމިޝަންގެ ހުރިހާ މަސައްކަތެއް ވެސް ވަރަށް މިނިވަންކަމާއެކު ގެންދެވޭނެ ކަމުގެ" - ޑރ. މުހައްމަދު މުނައްވަރު
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުނައްވަރު ވިދާޅުވީ ކޮމިޝަނުގެ މަސައްކަތް ދެފުށްފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުންނަށް މައުލޫމާތު ދެވޭނެ ޕޯޓަލްއެއް ގާއިމުކުރެވޭނެ ކަމަށެވެ.
ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް މައުލޫމާތު ދެމުންދާނެ ކަމަށާއި ރައްޔިތުންނަށް ސުވާލު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށާ އަދި އެ ސުވާލުތަކުގެ ޖަވާބުތައް ކޮމިޝަނުން ދޭނެ ކަމަށް ވެސް މުނައްވަރު ވިދާޅުވިއެވެ.
އެ ކޮމިޝަނާ ރައީސުލްޖުމްހޫރިއްޔާ މަތިކުރައްވާފައިވާ ޒިންމާއަކީ އެ ހާދިސާ އާއި އެ ހާދިސާގެ ވަށައިގެންވާ ކަންކަން ތަހުގީގުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއްކޮށް އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބަލައި، އެ މައްސަލައިގައި ކަންހިނގި ގޮތުގެ ތަހުގީގެއްކޮށް އެމަނިކުފާނަށް ލަފާއެރުވުމެވެ.
އެ މަސައްކަތް ކުރުމަށް ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދެއްވުމަށް ވެސް ގަރާރުގައި ރައީސް ނިންމަވާފައިވެއެވެ. އެގޮތުން؛
- ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ހަބީރުންގެ އެހީތެރިކަން ހޯދުމުގެ ބާރާއި،
- ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކުރާ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ބާރުތައް ބޭނުންކުރުމުގެ ބާރާއި،
- ހައްޔަރު އަމުރާއި ތަހުގީގާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުމުގެ ބާރާއި،
- ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫންވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަަހެޅުމަށް އެންގުމުގެ ބާރާއި،
- ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައިވާނަމަ އެ ތަހުގީގަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދާފައިވާ ހޯދުންތަކައި، އެފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔުންތަކާއި ހެއްކާއި ގަރީނާތަކާއި އެނޫން މައުލޫމާތު ހޯދުމާއި ބެލުމުގެ ބާރު ކޮމިޝަނަށް ގަރާރުން ރައީސް ދެއްވިއެވެ.
ރައީސް ނިންމަވާފައިވަނީ އެމަނިކުފާނު ކޮމިޝަނާ މަތިކުރައްވާފައިވާ ޒިންމާތައް އަދާކުރެވިއްޖެ ކަމުގައި ނިންމަވަންދެން ކޮމިޝަން ދެމިއޮންނާނެ ކަމަަށެވެ.