ENGLISH
18 މޭ 2025
އޭޓީއެމްގައި ރާއްޖެ އިސްތިހާރުކުރުން އެހެން ހަރުފަތެއްގައި
30 އޭޕްރީލު 2025
|
ރާއްޖެއިން އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ބައިވެރިވި ފަރާތްތައް: މި ފެއާގައި 235 މަންދޫބުން ބައިވެރިވޭ-- ފޮޓޯ/ އެމްއެމްޕީއާރުސީ
ޓޫރިޒަމް އިސްތިހާރު ކުރުމަށް ރާއްޖެއިން ކުރިން ބައިވެރިވެފައިވާ ފެއާތަކާއި ޚިލާފަށް، ދުބާއީގައި މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ރާއްޖެ އިސްތިހާރު ކުރުން މުޅިން އެހެން ހަރުފަތަކަށް ގެންގޮސްފިއެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މި އަހަރުން ފެށިގެން ބައިވެރިވާ އެންމެ މުހިންމު ފެއާއެއްގެ ގޮތުގައި ނިންމާފައިވަނީ މެދުއިރުމަތީގައި ބާއްވާ އޭޓީއެމް ފެއާރ އެވެ. ހޯމަ ދުވަހު ފަށައިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ފެއާގައި ރާއްޖޭގެ 110 ކުންފުންޏަކުން 235 މަންދޫބުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ރިސޯޓް އޯނަރުންނާއި ޓޫރިޒަމް ތަމްސީލުކުރާ ޖަމިއްޔާތަކާއި ޓްރެވަލް އެޖެންޓުންނާއި ގެސްޓުހައުސްތައް ވެސް ހިމެނެއެވެ.
ދުރާލާ ތައްޔާރުވެގެން ބައިވެރިވި މި ފެއާރގެ ފުރަތަމަ ދެ ދުވަހު ޓޫރިޒަމް މިނިސްޓަރު ޠާރިޤު އިބްރާހިމް ވަނީ ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ބޭރުގެ ގައުމުތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އެމްއެމްޕީއާރުސީން ވަނީ ފެއާރގައި ގިނަ ހަރަކާތްތަކެއް ހިންގުމުގެ އިތުރުން، އެއާރލައިންތަކާއި އެނޫން ފަރާތްތަކާއެކު، އެއްބަސްވުންތަކެއްްގައި ސޮއިކޮށްފައެވެ. ރާއްޖެ އިސްތިހާރު ކުރުމަށް މޯލްޑިވިއަންގެ އިންފްލައިޓް މެގަޒިން އާއި ދަ ނެޝަނަލް ހޮޓެލް އެންޑް ގެސްޓުހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ގެ "އައި އޭމް މޯލްޑިވްސް" މަޖައްލާގެ ދެވަނަ އަދަދު ވެސް ފެއާރގައި ވަނީ ނެރެފައެވެ.
ޔޫއޭއީގެ އިކޮނޮމިކް މިނިސްޓަރު އަބްދުﷲ ބިން ތާގް އަލް މަރީ (ކ) އާއި ޓޫރިޒަމް މިނިސްޓަރު ޠާރިޤު އިބްރާހިމް (މ) ބައްދަލުކުރައްވަނީ-- ފޮޓޯ/ޓޫރިޒަމް
ޓޫރިޒަމް މިނިސްޓަރު އިއްޔެ ބައްދަލުކުރެއްވި ފަރާތްތަކުގެ ތެރޭގައި ޔޫއޭއީގެ އިކޮނޮމިކް މިނިސްޓަރު އަބްދުﷲ ބިން ތާގް އަލް މަރީ އާއި އެމިރޭޓްސް އެއާލައިންގެ ޗެއާމަން އަހްމަދު ބިން ސައީދު އަލްމަހްތޫމް އަދި އެމިރޭޓްސް ހޮލިޑޭސްގެ އިސްފަރާތްތައް ހިމެނެއެވެ.
ރާއްޖޭގެ މަންޒަރުތައް ދުބާއީގެ ޓެކްސީތަކުގެ ބޭރުން ފެންނާނެ ބޮޑު ކެމްޕޭނެއް ވެސް ވަނީ އެމްއެމްޕީއާރުސީން އިފްތިތާހުކޮށްފައެވެ. މި ކެމްޕޭނުގެ ދަށުން ދުބާއީގެ 100 ޓެކްސީއެއްގައި ރާއްޖޭގެ މަންޒަރުތައް ފެންނަ ގޮތަށް އިސްތިހާރު ކުރާނެއެވެ.
ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި ފެއާރ އަށް ޒިޔާރަތްކުރާ މީހުންގެ އަދަދަށް ބަލާއިރު ވެސް، އަދި އެމްއެމްޕިއާރުސީ އިން ފެއާރއަށް ތައްޔާރުވެފައިވާ ވަރަށް ބަލާއިރު، ދުބާއީގައި ކުރިއަށްދާ ފެއާރ އަކީ އެހެން ފެއާރތަކަށްވުރެ ކާމިޔާބު ފެއާރއެކެވެ.
"މިފަހަރުގެ އޭޓީއެމްގައި ބައިވެރިވި ގެސްޓް ހައުސްތައް ގިނަ ކަމަށް ފާހަގަކުރެވެނީ. ފެއަރތަކުގައި ބައިވެރިވެގެން ވަރަށް ގިނަ ގެސްޓުން އާދޭ. ދެން ފާހަގަކޮށްލަން މިފަހަރު އޭޓީއެމްގެ އިންތިޒާމުތައް އެމްއެމްޕީއާރްސީގެ ފަރާތުން ވަރަށް ފުރިހަމައަށް ކޮށްފައި އޮތީ. އެކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން އެމްއެމްޕީއާރްސީއަށް" ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނާޝިދު، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
މުޅި ދުނިޔެއަށް ހުޅުވިފައިވާ ދުބާއީގައި ކުރިއަށްގެންދާ ފެއާރގައި ދުނިޔޭގެ 160 ގައުމަކުން ބައިވެރިވެއެވެ. މިފަހަރުގެ ފެއާރއަށް ރެކޯޑު އަދަދަކަށް މީހުން ޒިޔާރަތް ކުރާނެ ކަމަށް އަންދާޒާކުރެއެވެ. ބައިނަލްއަގުވާމީ ތަފާތު 41 މީޑިޔާއަކުން މި ފެއަރގެ ޚަބަރުތައް ރަސްމީކޮށް ގެނެސްދޭނެއެވެ.