ENGLISH

25 މޭ 2026

Advertisement

ދިވެހި މަހުން ނަގާ ޓެރިފު ދާއިމީކޮށް ކަނޑައިލުމާމެދު އިނގިރޭސިވިލާތާއެކު ދަނީ މަޝްވަަރާކުރަމުން

25 މޭ 2026

|

ޝިފްޒާން އަޙްމަދު

ހާރިޖީވަޒީރު އިރުތިޝާމް އާދަމް

އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި ކަނޑުމަހާއި މަހުގެ އުފެއްދުންތަކުން އެ ގައުމުން ނަގަމުންދާ ޓެރިފު ދާއިމީ ސިފައެއްގަައި ކަނޑައިލުމާ ގުޅޭ ގޮތުން އެ ގައުމާއެކު ދިވެހި ސަރުކާރުން މަޝްވަރާކުރަމުންދާކަމަށް ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. 

ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި އިރުތިޝާމު ވިދާޅުވީ، އެއްވެސް ގައުމަކަށް ބޭރުކުރާ މަަހާއި މަހުގެ އުފެއްދުންތަކުން ޓެރިފެއް ނުވަތަ ޑިއުޓީއެއް ނަގާނަމަ، މަސް ބޭރުކޮށްގެން ލިބޭ އާމްދަނީގެ ވަރަށް ބޮޑު މިންވަރެއް ހޭދަވަނީ ޑިއުޓީއަށް ކަމަށެވެ. 

އިތުރަށް ވަޒީރު ވިދާޅުވީ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދުގައި މިކަމާ ގުޅިގެން ކުރެވޭ މަޝްވަރާތަކުގެ އަމާޒަކީ ވަގުތީ ގޮތުން ޓެރިފު ކަނޑައިލުން ނޫން ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ރަސްގެފާނު ޗާލްސްއާއި ހާރިޖީވަޒީރާއި، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާއެކު ކުރެއްވި މަޝްވަރާތަކުގައި އެމަނިކުފާނު އެ ބޭފުޅުން އަރިހުން އެދިވަޑައިގަތީ ޑިއުޓީ އެކީ މައާފުކޮށްދެއްވުމަށް ކަމުގައި ވަޒީރު ވިދާޅުވިއެވެ. 

"އެއީ ދެމެހެއްޓެނެވި ގޮތެއްގައި، އެއްގޮތަކަށްވެސް ދިވެހިރާއްޖޭގެ މަހުގެ ބާވަތްތަކަށް، އެކްސްޕޯޓުކުރާ މަހަށް، ނުވަަތަ ކޭންޑް ޓޫނާގެ ބާވަތްތަކަށް ޑިއުޓީ ނުނަގާނެ ގޮތަކަށް،" އިރުތިޝާމު ވިދާޅުވިއެވެ. 

އިނގިރޭސިވިލާތާއެކު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ މަހުން ނަގަމުންއައި ޓެރިފު ވަގުތީ ގޮތުން 2028 ވަނަ އަހަރުގެ ނިޔަލަށް ނުނެގުމަށް އިނގިރޭސި ސަރުކާރުން ނިންމާފަައިވެއެވެ. އެ ނިންމުމާއެކު ރާއްޖެއިން އިނގިރޭސިވިލާތަށް މަސް ބޭރުކުރާ މިންވަރު އިތުރުވާނެ ކަމުގައި ބެލެވެއެވެ. 

މިހާރުވެސް ރާއްޖެއަކީ އިނގިރޭސިވިލާތަށް އެންމެ ގިނައިން މަހާއި މަހުގެ ބާވަތްތައް އެތެރެކުރާ ގައުމުތަކުގެ ތެރެއިން ނުވަވަނަ ގައުމެވެ. އެހެންކަމުން ވަގުތީ ގޮތުން ލިބުނު ލުޔާއެކު ކުރިއްސުރެ ޓެރިފެއް ދައްކަންނުޖެހި އިނގިރޭސި ބާޒާރަށް މަސް އެތެރެކޮށް ވިއްކާ މަސްވެރި ގައުމުތަކާ އެއްހަމައެއްގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު