ENGLISH

25 މޭ 2026

Advertisement

ފުޓްބޯޅައިން އުފެދޭ ބަދަހި ގުޅުމުން ޖީލުތަކަށް އުއްމީދާއި ހިތްވަރު ލިބިގެންދޭ: ރައީސް

25 މޭ 2026

|

މުޙައްމަދު އަދުހަމް

ފުޓްބޯޅަ ފެސްޓިވަލްގެ ތެރެއިން ފީފާގެ ރައީސް އިންފަންޓީނޯ (ވ) އާއި ރައީސް ޑރ. މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

ފުޓްބޯޅައިގެ ސަބަބުން މުޖުތަމަޢުގެ އެންމެން އެކަތިގަނޑަކަށް ހަދައި، ބަދަހި ގުޅުމެއް އުފެދުމުން އަންނަން އޮތް ޖީލުތަކަށް އުންމީދާއި ހިތްވަރު ލިބިގެންދާކަމީ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފުޓްބޯޅަ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، ފުޓްބޯޅަ އަކީ މުޅި ދުނިޔެ އެއްބައިވަންތަކޮށްދޭ ރީތި ކުޅިވަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި، ދުޅަހެޔޮ، ހަށިހެޔޮ ދިރިއުޅުމަކަށް ރައްޔިތުންނަށް މަގުފަހިކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގައި ދެމިއޮންނާނެ ކަމަށެވެ.

"ފުޓްބޯޅައިގެ ވަސީލަތްތައް ތަރައްޤީކޮށް، ކުރިއަރުވައި، ފީފާގެ މިންގަނޑުތަކަށް ފެތޭ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ އިތުރުން، އެ ކުޅިވަރުގެ ތަރައްޤީ މުޅި ރާއްޖެއަށް ލާމަރުކަޒީ ކުރުމަށްޓަކައި ކުޅިވަރުގެ ޤާނޫނަށް އިސްލާހު ގެނައުން ފަދަ މުހިންމު ބަދަލުތައް ވާނީ ގެނެވިފައި،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތައް ބޭއްވުމަށް މަގުފަހިކުރުމާއި، ކުޅިވަރުގެ ސަގާފަތް ދިރުވައި އާލާކޮށް، ދިވެހި ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ފުރުޞަތުތައް ތަނަވަސްކޮށްދިނުމަކީ އަދުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަންކަމުގައި ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ފުޓުބޯޅަ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 25 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު