ENGLISH
25 މޭ 2026
ނުފޫޒުން ކަމެއް ނިންމަވަން ޕީއެންސީގެ ރައީސް ދުވަހަކުވެސް މަސައްކަތްޕުޅެއް ނުކުރައްވާ: ޝިޔާމް
25 މޭ 2026
|
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް.
އެންމެ މަޤްބޫލު
ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އެއްވެސް ކަމެއް ނުފޫޒުން ނިންމަވަން ޕާޓީގެ ރައީސް، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތްޕުޅު ކުރެއްވިތަން ދުވަހަކުވެސް ނުދެކޭކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު ޕީއެންސީގެ ސެނެޓަށް ހުށަހެޅުއްވި ކަމެއް ފާސް ނުވި ކަމަށް ބުނެ "އަދަދު" ނޫހުން ޖެހި ހަބަރަކާ ގުޅިގެން ކުރެއްވި "އެކްސް" ޕޯސްޓެއްގައި ވަޒީރު ވަނީ އަދަދު ނޫހުން މިފަހުން ފަތުރަމުން އަންނަ ހަގީގަތާ ހިލާފް ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ވަޒީރު ވިދާޅުވީ އަދަދު ނޫސް ރަޖިސްޓްރީވެފައި އޮންނަންޖެހޭނީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ކަމަށެވެ.
ވާދަވެރި ސިޔާސީ ޕާޓީތަކާއި އަދަދު ނޫހާ އެއްވެސް ތަފާތެއް ނެތްކަމަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ހަބަރެއް ލިޔާނަމަ ފިތުނަ އުފެދުން ނޫންކަމެއް އަދަދު ނޫހަށް ނުކުރެވޭކަމަށެވެ.
ޕީއެންސީއަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއްގައި ޑިމޮކްރެސީގެ އުސޫލާ އެއްގޮތަށް ހިންގާ ޕާޓީއަކީ ޕީއެންސީ ކަމަށެވެ. ޕީއެންސީގެ ލީޑާޝިޕް ބައްދަލުވުމެއްގައި ވެސް އަދި ހާއްސަކޮށް ޕީ.އެން.ސީގެ މެންބަރުން މަޖިލީހުގެ ކަންނިންމާ ބައްބަލުވުމެއްގައިވެސް ޕާޓީގެ ރައީސްގެ ނުފޫޒުން ވަކި ގޮތަކަށް ކަމެއް ނިންމަވަން ޕާޓީގެ ރައީސް މަސައްކަތްޕުޅު ކުރެއްވި ތަން ދުވަހަކުވެސް ނުދެކޭކަމަަށް ޝިޔާމް ވިދާޅުވި އެވެ.
އޭގެ ބަދަލުގައި ޕާޓީގެ އެތެރެއިން ކަންކަން ނިމިގެންދަނީ އަބަދުވެސް އަޣުލަބިއްޔަތަށް ނޫނީ އެންމެން ޢިއްތިފާޤުވާ ގޮތަށްކަމަށް ޝިޔާމް ވިދާޅުވި އެވެ.