ENGLISH
06 ޖުލައި 2025
ދަރިވަރުންނަށް ޖަވާބުދިނުން އަވަސްކުރުމަށް ހާއްސަ ޕޯޓަލެއް؛ އޮކްޓޯބަރުގައި ހިދުމަތް ފަށާނެ
30 އޭޕްރީލު 2025
|
މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު
މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް އަވަހަށް ޖަވާބު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަރިވަރުންގެ މައުލޫމާތު ބަލަހައްޓާ ހާއްސަ ޕޯޓަލެއް ގާއިމުކޮށް މި އަހަރުގެ އޮކްޓޯބަރު މަހުގައި ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަކަމަށް މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުން މިނިސްޓްރީއަށް ފޮނުވާ މެއިލުތަކާއި ސިޓީތަކަށް މިނިސްޓްރީން ޖަވާބުދިނުން ލަސްވުމާ ގުޅިގެން ބެލެނިވެރިންނާއި ދަރިވަރުން ކަންބޮޑުވުން ފާޅުކުރާތީ އެ މައްސަލަ ކުރިމަތިވާ ސަބަބާއި އެކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓްރީން ހިދުމަތް ދޭ ދަރިވަރުންގެ އަދަދު އިތުރުވުމަކީ ޖަވާބުދިނުން ލަސްވުމަށް މެދުވެރިވި މައިގަނޑު ސަބަބު ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މިނިސްޓްރީގެ ސްކޮލާޝިޕް ސެކްޝަނާއި، ލޯނު ސެކްޝަނުގެ އިތުރަށް ސަރުކާރުން ހިންގާ ހިލޭ ޑިގުރީ ޕްރޮގުރާމު ވިލަރެސްކުރާ ސެކްޝަނަށް ދުވާލެއްގެ މައްޗަށް 600 އަށްވުރެ ގިނަ އީމެއިލާއި ސިޓީ ލިބެއެވެ. އަދި ބައެއް ދުވަސްވަރު އެއަށްވުރެ ގިނަ ސިޓީއާއި މެއިލުތައް އެ ސެކްޝަންތަކަށް ލިބޭކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރަށް ލޯނާއި ސްކޮލާޝިޕު ލިބޭ ދަރިވަރުންގެ އަދަދު އިތުރުވަމަކީވެސް މިނިސްޓްރީއަށް ޖަވާބު ހޯދުމަށް ހުށަހަޅާ ހުށަހެޅުންތައް އިތުރުވާ ސަބަބެއްކަން ފާހަގަކުރައްވައި ޑރ.ހައިދަރު ވިދާޅުވީ މި އަހަރާއި ނިމުނު އަހަރު ކުރިން ކަނޑައެޅި ވަރަށްވުރެ އިތުރަށް ލޯނު ދިނުމަށް ހަމަޖެއްސުމުން ދަރިވަރުންނާ ކުރަންޖެހުނު މުއާމަލާތްތައް ވަރަށް ބޮޑަށް އިތުރުވި ކަމަށެވެ.
އަދި ލޯނުގެ ފައިސާ ދޫކުރުމަށް ކަނޑައަޅާފައި އޮތް މުއްދަތަށްވުރެ މާކުރިން ފައިސާ ހޯދުމަށް އެދި އެކި ފަރާތްތައް މެދުވެރިކޮށް ގުޅައި ޖަވާބު ހޯދަން މަސައްކަތްކުރުމުގެ ސަބަބުން ސެކްޝަންތަކުގެ މުވައްޒަފުންގެ މަސައްކަތްތައް ވަރަށް ބޮޑަށް އިތުރުވާކަން މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.
މިނިސްޓްރީން އެންމެ ބޮޑު ސަމާލުކަމެއް ދިނީ ދަރިވަރުންނަށް ފައިސާ ދޫކުރުމަށްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ނިމުނު އަހަރު އޭގެ ކުރީގެ އެހެން އެއްވެސް އަހަރެއްގައި ދޫނުކުރާ އަދަދަށް 1.5 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ދަރިވަރުންނަށް ދޫކުރެވިފައިވާ ކަމަށެވެ.
އަދި މިނިސްޓްރީން ކުރިން މަސައްކަތްކުރީ ހަތް ދުވަހުގެ ތެރޭގައި ސިޓީއާއި އީމެއިލަށް ޖަވާބުދިނުމަށް ކަމަށާއި، މިހާރުގެ އަމާޒަކީ ގިނަވެގެން ތިން ދުވަހުގެ ތެރޭގައި ސިޓީއާއި އީމެއިލަށް ޖަވާބުދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އިތުރަށް ދަރިވަރުންނަށް ޖަވާބުދިނުން އަވަސްކުރުމަށްޓަކައި ދަރިވަރުންގެ މައުލޫމާތު ބަލަހައްޓާ ޕޯޓަލެއްގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، އޮކްޓޯބަރުގެ ނިޔަލަަށް އެ ޕޯޓަލުގެ މަސައްކަތް ނިމި ހިދުމަތް ފެށުމުން އެ ޕޯޓަލު މެދުވެރިކޮށް ދަރިވަރުންގެ ސުވާލުތަކަށް އަވަހަށް ޖަވާބު ދެވޭނެ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމުގައި މިނިސްޓަރު ވިދާޅުވެފައިވެއެވެ.