ENGLISH
06 ޖުލައި 2025
ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވަނީ ލިޔެކިޔުމުގެ މައްސަލަތައް މެދުވެރިވުމުން: ޑރ.ހައިދަރު
30 އޭޕްރީލު 2025
|
މަތީ ތައުލީމާއި ހުނަރު ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގައި މައްސަލަތައް މެދުވެރިވުންކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ޑރ.ހައިދަރު މިފަދައިން ވިދާޅުވީ ބޭރުގައި ސްކޮލާޝިޕްތަކުގައި އަދި ލޯނުގައި ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ޖަމާކުރުން ލަސްވާތީ ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ ޝަކުވާތަކާ ގުޅިގެން އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޑރ.ހައިދަރު ފޮނުއްވި ޖަވާބު އިއްވާފައިވެއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ސްކޮލާޝިޕުގައި ކިޔަވާ ދަރިވަރުން ފުރުމުގެ ކުރިން ފައިސާގެ ކަންކަން ހަމަޖެއްސޭހައި ވަގުތު އޮއްވައި ފުރާ ދުވަސް މިނިސްޓްރީއަށް އެންގުމުން ދެ މަސްދުވަހުގެ ސްޓައިޕެންޑު އެމެރިކާ ޑޮލަރުން އެ ދަރިވަރަކަށް ހަމަޖައްސައިދޭ ކަމަށެވެ.
އަދި އެއަށްފަހު އެ ކުއްޖަކު ކިޔަވަންދާ ގައުމަކަށް ދެވުމުން އެ ގައުމެއްގެ ބޭންކެއްގައި ދަރިވަރުގެ ނަމުގައި އެކައުންޓެއް ހުޅުވައި އެ އެކައުންޓުގެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރުމުން އެ އެކައުންޓަށް ސްޓައިޕެންޑުގެ ފައިސާ ޖަމާކުރަމުންދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެ އެކައުންޓަށް އަހަރަކު ދެފަހަރު ފައިސާ ޖަމާކުރުމަށް ހަމަޖެހިފައިވާއިރު، ފައިސާ ޖަމާކުރަނީ އެ ދަރިވަރަކު ކިޔަވާ މަރުކަޒެއްގައި ދަރިވަރު ކިޔަވަމުންދާކަން އެ މަރުކަޒުން މިނިސްޓްރީއަށް އެންގުމުންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިފަދައިން ފައިސާ ޖަމާކުރުމުގައި ދަތިތަކެއް ކުރިމަތިވަނީ ބޭރުގެ ބޭންކު އެކައުންޓުގެ މައުލޫމާތު ބައެއް ފަހަރު ފުރިހަމަނުވާތީ ކަމަށެވެ.
އެފަދަ ހާލަތްތަކުގައި ބޭންކު އެކައުންޓުގެ މައުލޫމާތު ފުރިހަމަކުރުމަށްފަހު އަލުން މިނިސްޓްރީއަށް ހުށަހެޅުމަށް ދަރިވަރަށާއި ޔުނިވާސިޓީއަށްވެސް މިނިސްޓްރީން އަންގާކަމަށާއި، އެ މައުލޫމާތު ފުރިހަމަކޮށް އަލުން މައުލޫމާތު ހުށަހެޅުމުގައިވެސް ވަގުތުތަކެއް ހޭދަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެކައުންޓުގެ މައުލޫމާތު ފުރިހަމަނުވުމުގެ ސަބަބުން ފައިސާ ޖަމާކުރުން ލަސްވުމުގެ މައްސަލަ ހައްލުކުރުމަށް އެކައުންޓާ ގުޅޭ ގޮތުން ބޭނުންވާ މައުލޫމާތުތައް ހިމެނޭ ކަރުދާހެއް އެކުލަވައިލާ ދަރިވަރުންނާ ހިއްސާކުރަމުން އަންނަކަމަށް މިނިސްޓަރު މައުލޫމާތު ދެއްވިއެވެ.
މިނިސްޓަރު އިތުރަށް ފާހަަގަކުރެއްވި ގޮތުގައި ސްކޮލާޝިޕުގެ ދަށުން ކިޔަވާ ދަރިވަރުންގެ ޓިއުޝަން ފީ ޖަމާކުރަނީ ޔުނިވަސިޓީން އިންވޮއިސް ފޮނުވުމުންނެވެ. އިންވޮއިސް ނުލިބި ލަސްވުމަކީ ޓިއުޝަން ފީ ޖަމާވުން ލަސްވާ ސަބަބެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް މިނިސްޓްރީން އެތަންތަނުން އިންވޮއިސް ހޯދުމުގެ މަސައްކަތް އަމިއްލައަށް ކުރަމުން އަންނަ ކަމަށެވެ.
އޭގެ އިތުރަށް ލޯނުތަކުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ޖަމާކުރުން ލަސްވާ މައިގަނޑު ސަބަބެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ދަރިވަރަކީ ޔުނިވަސިޓީގައި ކިޔަވަމުން އަންނަ ދަރިވަރެއްކަން އެނގޭނެ ލިޔުމެއް ހުށަހެޅުމަށް އެންގުމުން އެޑްމިޝަން ލެޓާ ފަދަ ދަރިވަރަކީ މިހާރުވެސް ޔުނިވަސިޓީގައި ކިޔަވަމުން އަންނަ ދަރިވަރެއްކަން ދެނެނުގަނެވޭ ލިޔެކިޔުންތައް ބައެއް ދަރިވަރުން ހުށަހަޅަަމުންދިއުމެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ދަރިވަރުން ޔުނިވަސިޓީގައި ކިޔަވަމުންދާކަން އެނގޭނެ ލިޔުމެއް ހޯދަނީ، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާ ދޫކުރަނީ ކިޔަވަމުންދާ ދަރިވަރަކަށްކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.