ENGLISH
06 ޖުލައި 2025
ދަތުރުފުޅާއެކު މެލޭޝިޔާ-ރާއްޖެ ގުޅުމުގެ މުޅިން އާ ޒަމާނެއް ފެށޭނެކަން ޔަގީން: ރައީސް
30 އޭޕްރީލު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއެކު، ފޮޓޯ: ރައީސް އޮފީސް
މެލޭޝިޔާގެ ބޮޑުވަޒީރު ޔާންގް އަމަތް ބަރހޮރމަތް ޑާޓޯ ސެރި އަންވަރް ބިން އިބްރާހީމްގެ ދައުވަތަކަށް މެލޭޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ދިވެހިރާއްޖެއާއި މެލޭޝިޔާގެ ގުޅުމުގެ މުޅިން އައު ޒަމާނެއް ފެށިގެންދާނެކަން ޔަގީންކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މެލޭޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އަނބުރާ ރާއްޖެއަށް ވަޑައިގެންނެވުމުގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސްވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު މެލޭޝިޔާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އެ ގައުމުން އަދާކުރި މެހެމާންދާރީއާއި ދީލަތި އެހީތެރިކަން ފާހަގަކުރައްވައި ބޮޑުވަޒީރު އަންވަރަށާއި އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ކުއަލަލަމްޕޫރުން ފުރާވަޑައިގެންނެވިއިރު އެ ގައުމުގެ ބޮޑުވަޒީރާއި ސަރުކާރާއެކު ކުރެއްވި މާނަަފުން މަޝްވަރާތަކުގެ ސަބަބުން ތައުލީމާއި ސިއްހަތާއި އިގުތިސާދީ ތަރައްގީއާއި ޑިޖިޓަލައިޒޭޝަން އަދި މޫސުމީ ބަދަލުތަކާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ އެއްބާރުލުން ފަދަ އެކި ދާއިރާތަކުގައި ދެ ގައުމުގެ މެދުގައި އޮތް އެއްބާރުލުންދިނުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ.
އަދި މި ދަތުރުފުޅުގެ ތެރެއިން ސިއްހަތާއި ތައުލީމާއި، ދެ ގައުމުގެ މެދުގައި އެކި ކަންކަމުގައި މަޝްވަރާކުރުމާއި ޑިޕްލޮމެޓުން ތަމްރީނުކުރުމުގައި އެއްބާރުލުންދިނުމާ ގުޅޭ ގޮތުން އެއްބަސްވުންތައް ގާއިމުކުރެވިފައިވާކަން ފާހަގަކުރައްވަމުން، މޯލްޑިވްސް މެލޭޝިޔާ ބިޒްނަސް ފޯރަމެއް ބާއްވައި ރާއްޖޭގައި ހުރި އިގުތިސާދީ ފުރުސަތުތައް މެލޭޝިޔާގެ ވިޔަފާރިވެރިންނާ ހިއްސާކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ފޯރަމުގައި ބައިވެރިވެވަޑައިގެންނެވީތީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރައީސް ޝުކުރު އަދާކުރައްވާފައިވެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި އެއްބާރުލުން ދިނުމުގެ މުޅިން އައު ޒަމާނެއް ފެށިގެންދާނެކަމުގެ ޔަގީންކަން އެބައޮތްކަން ހާމަކުރައްވައި، ކުރިއަށް އޮތް ތަނުގައި މެލޭޝިޔާއާއި ރާއްޖޭގެ މެދުގައި އޮތް އުޚުއްވަތްތެރި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް އުންމީދުކުރައްވާކަން ރައީސް ހާމަކުރެއްވިއެވެ.