ENGLISH

06 ޖުލައި 2025

Advertisement

ބޭރުފައިސާ މާރުކޮށްދިނުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަނީ، ސަމާލުވުމަށް ފުލުހުންގެ އިލްތިމާސް

30 އޭޕްރީލު 2025

|

ޢަލީ ޝާހީން

ބޭރުފައިސާ މާރުކޮށްދިނުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެފައިވާކަމަށް ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމެންޓުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓުމެންޓުން ވަނީ ބޭރު ފައިސާ މާރުކުރުމަށް މުޢާމަލާތްކުރާ ފަރާތަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ހުއްދަ ލިބިފައިވާ ފަރާތެއްތޯ ކަށަވަރު ކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ސްކޭމްތަކުގައި އެފަދަ ފަރާތްތަށް އާންމުކޮށް މުޢާމަލާތްކުރާ މެސިންގް އެޕްތަކަކީ ވައިބަރ، ޓެލެގްރާމް އަދި ވަޓްސްއެޕް ގްރޫޕްތަށްކަމަށް ފާހަގަކުރަށްވާފައެވެ.

އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ހުއްދަ ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށް ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ވަނީ ފާހަގަކުރަށްވާފައެވެ.

މީގެ އިތުރުން ތިމާއަށް ގެއްލުމެއް ލިބުމުގެ ކުރިން ބޭރު ފައިސާ މާރުކުުރުމުގައި ސަމާލުވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ. އަދި ވައިބަރ ހެކްކޮށްގެން ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާކަން ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ދާދި ފަހުން ވަނީ ހާމަކުރައްވާފައެވެ. ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަގީންކުރުމަށް އެދި ފުލުހުން ވަނީ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށްވެސް އެދިފައެވެ. އަދި ހަމަ މެސެޖެއް ލިބޭ އިރަށް ފައިސާ ނުފޮނުވުމަށްވެސް ވަނި އެދިވަޑައިގެންފައެވެ.

ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދާދި ފަހުން ވަނީ ޤާއިމްވެސްކޮށްފައެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.

މިކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެއިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.

ނޭޝަނަލް އިމަރޖެންސީ ނަމްބަރު 911އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް [email protected] މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. އަދި މިހާރެކޭވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ސެންޓަރުތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެކަމަށް ފުލުހުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު