ENGLISH
06 ޖުލައި 2025
ރައީސުލްޖުމްހޫރިއްޔާ، މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
30 އޭޕްރީލު 2025
|
ރައީސް ކުރެއްވި މެލެޝިއާ ދަތުރުފުޅުގައި ރަސްމީ މަރުޙަބާ ދަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާގެ ބޮޑުވަޒީރު ޔާންގް އަމަތް ބަރހޮރމަތް ޑާޓޯ ސެރި އަންވަރް ބިން އިބްރާހީމްގެ ދައުވަތަކަށް އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީ ދަތުރުފުޅުގައި މެލޭޝިއާއަށް ވަޑައިގެންނެވީ މިދިޔަ އާދީއްތަ ދުވަހުއެވެ. ރައީސަށް ރަސްމީކޮށް މަރުޙަބާ ވިދާޅުވީ ހޯމަ ދުވަހު ޕުތުރަޖާޔާގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ދަތުރުފުޅުގައި ދެޤައުމުގެ މެދުގައި ބޭއްވުނު ރަސްމީ މަޝްވަރާތައް ބާއްވާފައިވަނީ ޕުތުރާ ޕަރްދާނާގައެވެ. މި މަޝްވަރާތަކުގައި ދެޤައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ފުރުޞަތުތަކާއިމެދު މަޝްވަރާކުރައްވާފައިވެއެވެ. ދިވެހި ސަރުކާރާއި މެލޭޝިއާ ސަރުކާރާ ދެމެދު އެއްބާރުލުންދިނުމާއި ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި އެކްސްޗޭންޖް އޮފް ނޯޓްސް (އީ.އޯ.އެން) ވެސް ވަނީ ބަދަލުކޮށްފައެވެ. މި ފަހުމުނާމާތަކާއި އީ.އޯ.އެން. ތައް ބަދަލުކުރުމަށްފަހު، ދެޤައުމުން ވަނީ ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުމެއްވެސް ބާއްވަވާފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި، ދެ ޤައުމުން ހިއްސާކުރާ އުސޫލުތަކާއި އިޤްތިޞާދީ ދާއިރާއިންނާއި ބައިނަލްއަޤުވާމީ ސުލްޙައަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖެއާއި މެލޭޝިއާ ގުޅިގެން ބޭއްވި ބިޒްނަސް ފޯރަމް 2025 ގައި ވާހަކަފުޅު ދައްކަވައިފައެވެ. ދަތުރުފުޅުގައި ރައީސް ވަނީ މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. ގިނަ އަދަދެއްގެ ދިވެހި ދަރިވަރުންނާއި އާއިލާތައް ބައިވެރިވި ހަފްލާގައި ރައީސް ވަނީ މެލޭޝިއާގައި މުހިއްމު ޚިދުމަތްތަކެއް އިފްތިތާޙް ކޮށްދެއްވައިފައެވެ. އެގޮތުން މެލޭޝިއާގައި އައިޑީ ކާޑާއި ޕާސްޕޯޓް ޕްރިންޓް ކުރުމުގެ ހިދުމަތް ފައްޓަވައިދެއްވިއެވެ. އަދި، "މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން" ރައީސް ވަނީ އިފްތިތާހުކޮށްދެއްވައިފައެވެ.
މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައި.އައި.ޔޫ.އެމް) ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް، "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނޮރަރީ ޑިގްރީއެއްވެސް އެރުވިއެވެ.
މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރާތްކުރައްވައި، ހައިކޮމިޝަންގެ މުވައްޒަފުންގެ މަސައްކަތް ބައްލަވާލައްވައި، އެމުވައްޒަފުން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، މެލޭޝިއާއަކީ އެންމެ ގިނަ ދިވެހިން އެކި ކަންކަމުގައި ދިރިއުޅޭ ޤައުމުކަމަށާއި ކޮންމެ ދިވެހި ރައްޔިތަކަށް ތަފާތުކުރުމެއް ނެތި އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދެވެން ވާނޭކަމަށް އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކެބިނެޓް ވަޒީރުންނާއި ދައުލަތުގެ އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.