ENGLISH

18 މޭ 2025

Advertisement

ދުބާއީގެ ޓެކްސީތަކުގައި ރާއްޖެ އިސްތިހާރުކުރުމުގެ ކެމްޕެއިން އިފްތިތާހުކޮށްފި

29 އޭޕްރީލު 2025

|

ފަޒީލް ޢަބްދުލް ލަތީފު

ދުބާއީގައި އެމްއެމްޕީއާރުސީން ކުރިޔަށްގެންދާ ޓެކްސީ ކެމްޕެއިންގެ ތެރެއިން-ފޮޓޯ:އެމްއެމްޕީއާރްސީ

ރާއްޖޭގެ މަންޒަރުތައް ދުބާއީގެ ޓެކްސީތަކުގެ ބޭރުން ފެންނާނެ ބޮޑު ކެމްޕެއިން، ދުބާއީ މިއުޒިއަމް އޮފް ދަ ފިއުޗަރ ސަރަހައްދުގައި ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމްއެވެ.

މީގެ ކުރިން އެމްއެމްޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިޢުރީ ވިދާޅުވީ، އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ކުރިޔަށްދާ ދުވަސްވަރު ދުބާއީގެ 100 ޓެކްސީއެއްގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ފެންނަގޮތަށް އިސްތިހާރު ކުރާނެ ކަމަށެވެ. އަދި އޭޓީއެމް ކުރިޔަށްދަނީ ހަތަރު ދުވަހުގެ މުއްދަތަކަށް ކަމުގައިވިޔަސް ދުބާއީގެ ޓެކްސީތަކުގައި ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތް އެއް މަސްދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާނެ ކަމަށް ވެސް ޝިޢުރީ ވިދާޅުވިއެވެ.

ދުބާއީގެ ޓެކްސީތަކުގައި ކުރާ މި އިސްތިހާރުތަކުގައި، ދާދިފަހުން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް އެމްއެމްޕީއާރުސީއާއެކު ޕާޓްނާޝިޕެއް ގާއިމްކުރި އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކުލަބު ލިވަޕޫލްގެ ކުޅުންތެރިންގެ ފޮޓޯ ބޭނުން ކުރެއެވެ.

މި ކެމްޕެއިން ކުރިއަށް ގެންދަނީ، މިހާރު ކުރިއަށްދާ އަރޭބިއަން ޓްރެވެލް މާކެޓާއި ގުޅުވައިންކަމަށްވުމާއިއެކު، މެދުއިރުމަތި އަދި އެކުވެރި އަރަބި އިމާރާތުގައި މި ކެމްޕެއިންގެ ސަބަބުން ރާއްޖެ ވަރަށް ބޮޑަށް އިސްތިހާރުވެގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ޤަބޫލުކުރައްވައެވެ.

"4600 އަށްވުރެ ގިނަ އެގްޒިބިޓަރުން ޖަމާވާ ސަރަހައްދެއްގައި ރާއްޖޭގެ ބްރޭންޑިންގ އެކި އެކި 100 ޓެކްސީގައި ފެނިގެންދިޔުމަކީ ރާއްޖޭ ވަރަށް ބޮޑަށް އިސްތިހާރު ވެގެންދާނެކަމެއް. މިކަމުގެ ސަބަބުން ފެއާރ ކުރިޔަށްދާ ދުވަސްވަރު ގިނަބައެއްގެ ލޯތައް ރާއްޖެއަށް އަމާޒުވެ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމަކީ އަޅުގަނޑުމެންގެ އަމާޒު" - އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިޢުރީ 

ޖަރުމަނުވިލާތުގެ ޓެކްސީތަކުގައި ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތުގެ ތެރެއިން--ފޮޓޯ:އެމްއެމްޕީއާރްސީ

މި އަހަރު މާޗު މަހު ޖަރަމަނުވިލާތުގެ ބާލިންގައި ކުރިޔަށްދިޔަ އައިޓީބީ ފެއަަރގެ ދުވަސްވަރު، އެގައުމުގައި ވެސް 200 ޓެކްސީއެއްގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާކުރުމުގެ ހަރަކާތްތަކެއް ވެސް ވަނީ ހިންގައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. މި ކާމިޔާބީތައް އެންމެ ބޮޑަށް ފާހަގަވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާތަން ފެންނާާތީއެވެ.

ކިޔުންތެރިންގެ ހިޔާލު