ENGLISH
07 ޖުލައި 2025
އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުވުމުން ރައީސްގެ ޝުކުރު
29 އޭޕްރީލު 2025
|
ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުވުން
މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައި.އައި.ޔޫ.އެމް) އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އޮނޮރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުވުމާއި ގުޅިގެން އެ ޔުނިވާސިޓީގެ އިސްވެރީންނަށް އެމަނިކުފާނު ޝުކުުރ އަދާ ކުރައްވައިފި އެވެ.
އައިއައިޔޫއެމްގައި މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ވަނީ ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނޮރަރީ ޑިގްރީ އަރުވާފަ އެވެ.
އެމަނިކުފާނު ވަނީ އެއީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމުގައި ވިދާޅުވެފަ އެވެ. އެ ޝަރަފަށްޓަކައި އައިއައިޔޫމްގެ އިސްވެރީންނާއި މެނޭޖްމަންޓާއި ދަރިވަރުންނަށް އެމަނިކުފާނު ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާއަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވީ އައިއައިޔޫއެމްގެ ދުސްތޫރީ ވެރިޔާގެ ހައިސިއްޔަތުން ހަރ ރޯޔަލް ހައިނެސް ތެންގްކޫ އަމްޕުއަން، ތުންކޫ ޢަޒީޒާ ޢަމީނާ މައިމޫނާ އިސްކަންދަރިއްޔާ އެވެ. އެކަމަނާ ވެސް ރައީސް ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.
މި ޝަރަފު ޤަބޫލުފުޅުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ "އިންޓެލެކްޗުއަލް ރިނައަސާންސް: އަންވެއިލިންގ ދަ ސައިންޓިފިކް އެންޑް މޮޑަރން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަން،" މި މަޢުޟޫއަށް ތަޤުރީރުކުރައްވާފައެވެ.
އެ ތަޤުރީރު ކުރެއްވުމަށް ފުރުސަތު ދެއްވުމުން ވެސް އެމަނިކުފާނު ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.
މިއީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިން ދިވެއްސަކަށް އޮނޮރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުވި ފުރަތަމަ ފަަހަރެވެ. އަދި އެ ޔުނިވާސިޓީގައި ރާއްޖޭގެ ރައީސަކު ތަޤުރީރު ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.
"އިންޓެލެކްޗުއަލް ރިނައަސާންސް: އަންވެއިލިންގ ދަ ސައިންޓިފިކް އެންޑް މޮޑަރން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަން" މި މަޢުޟޫއަށް ދެއްވި ތަޤުރީރުގައި އެމަނިކުފާނު ވަނީ، އިސްލާމީ އުންމަތުގެ ފަޚުރުވެރި، ސައިންސްވެރިކަމުގެ މީރާސް ދިރުވައި އާލާކުރެއްވުމަށް ގޮވާލައްވާފަ އެވެ. އެމަނިކުފާނު ވަނީ، މި ދާއިރާގައި އިސްލާމީ ތާރީޚުން ފެންނާން ހުރި ކާމިޔާބީތަކަށް އިޝާރާތް ކުރައްވައި، ކުރިމަގުގައި ހޯދިދާނޭ ކުރިއެރުންތަކުގެ މައްޗަށް ވެސް ވާހަކަފުޅު ދައްކަވާފަ އެވެ.
އިސްލާމީ ޙަޟާރަތުގެ ރަން ޒަމާނުގެ ގޮތުގައި ސިފަކުރެވޭ އަށްވަނަ ޤަރުނާއި ސާދަވަނަ ޤަރުނާ ދެމެދުގެ ދުވަސްވަރު، ބައިނަލްއަޤުވާމީ އުފެއްދުންތެރިކަމާއި ޢިލްމުގައި ނަގާކިޔާފައިވަނީ އިސްލާމީ ޙަޞާރާތުން ކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފަ އެވެ.
އަދި އޭރު، ޢިލްމު އުނގެނުމަކީ މުޤައްދަސް ޒިންމާއެއްކަމަށް ދެކިގެން، އެކަމަށް ބާރުދޭ މިސްކިތްތަކާއި، ކުތުބުޚާނާތަކާއި ހަސްފަތާލުތަކާއި ޔުނިވަރސިޓީތަކުގެ ވިއުގަތައް ޤާއިމުކޮށްފައި ހުރިކަން އެމަނިކުފާނު ވިދާޅުވި އެވެ.
އެގޮތުން ޒަމާނީ، ފިކުރީ ނަހަޟާއެއްގެ ހުޅުކޮޅު ރޯކުރެވޭނީ، ޒުވާނުން ބާރުވެރިކޮށް، ޒުވާނުންގެ ބައިވެރިވުމާއެކުގައި ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. މިކަން ކުރުމަށްޓަކައި، ދުނިޔޭގެ ފެންވަރުގެ ޔުނިވަރސިޓީތަކާއި، ދިރާސާކުރާ މުއައްސަސާތަކާއި، ޑިޖިޓަލް މަންސަތައް ޤާއިމުކުރުމަށް ވުނަކުރަން ޖެހޭކަމަށް ވިދާޅުވި އެވެ.
އަދި ސައިންސާއި އަޤީދާއަކީ ތަޢާރުޒުވާ ދެ ބަހާކަމުގައި ކުރާ ކުށްހީއަށް ގޮންޖައްސަވައި، އެއީ ކުރިއެރުމުގެ ބިންގާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، އިސްލާމީ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ. އެގޮތުން، އެއް ޤައުމަށް ވުރެ ގިނަ ޤައުމުން ބައިވެރިވާ ރިސަރޗް ހަބްތަކާއި، އިނޮވޭޝަން އިންކިއުބޭޓަރތަކާއި، ބައިވެރިވުން އޮންނަ އެފަދަ އެނޫންވެސް މަންސަތައް ޤާއިމުވެފައި ހުރުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން، ސައިންސާއި، ދެމެހެއްޓެނިވި އުޞޫލުތަކާއި، އަޚްލާޤިއްޔަތާމެދު ބައިނަލްއަޤުވާމީ ފެންވަރެއްގައި ސިޔާސަތުތައް ބައްޓަންކުރެވޭނޭ ފަދަ މަޝްވަރާތައް އުފަންކުރުމުގައި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން އިސްނެންގެވުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.