ENGLISH

07 ޖުލައި 2025

Advertisement

އިސްލާމީ އުންމަތުގެ ފަޚުރުވެރި، ސައިންސްވެރިކަމުގެ މީރާސް ދިރުވައި އާލާކުރެއްވުމަށް ރައީސް ގޮވާލައްވައިފި

29 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޤުރީރު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އިސްލާމީ އުންމަތުގެ ފަޚުރުވެރި، ސައިންސްވެރިކަމުގެ މީރާސް ދިރުވައި އާލާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މެލޭޝިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައި.އައި.ޔޫ.އެމް) ގައި ތަޤުރީރު ކުރައްވަމުންނެވެ.

އައި.އައި.ޔޫ.އެމް ގެ ފަރާތުން "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން އެމަނިކުފާނަށް އެރުވި، ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނަރަރީ ޑިގްރީއާ ހަވާލުވެވަޑައިގަތުމަށްފަހު ތަޤުރީރުކުރައްވަމުން ރައީސް ވަނީ، ޒަމާނީ އިސްލާމީ ނަހަޟާއެއްގެ ތަސައްވުރު ހިއްސާކުރައްވާފަ އެވެ.

"އިންޓެލެކްޗުއަލް ރިނައަސާންސް: އަންވެއިލިންގ ދަ ސައިންޓިފިކް އެންޑް މޮޑަރން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަން" މި މަޢުޟޫއަށް ދެއްވި ތަޤުރީރުގައި އެމަނިކުފާނު ވަނީ، އިސްލާމީ އުންމަތުގެ ފަޚުރުވެރި، ސައިންސްވެރިކަމުގެ މީރާސް ދިރުވައި އާލާކުރެއްވުމަށް ގޮވާލައްވާފަ އެވެ. އެމަނިކުފާނު ވަނީ، މި ދާއިރާގައި އިސްލާމީ ތާރީޚުން ފެންނާން ހުރި ކާމިޔާބީތަކަށް އިޝާރާތް ކުރައްވައި، ކުރިމަގުގައި ހޯދިދާނޭ ކުރިއެރުންތަކުގެ މައްޗަށް ވެސް ވާހަކަފުޅު ދައްކަވާފަ އެވެ.

ޢިލްމުގައި ނަގާކިޔާފައިވަނީ އިސްލާމީ ޙަޞާރާތުން

އިސްލާމީ ޙަޟާރަތުގެ ރަން ޒަމާނުގެ ގޮތުގައި ސިފަކުރެވޭ އަށްވަނަ ޤަރުނާއި ސާދަވަނަ ޤަރުނާ ދެމެދުގެ ދުވަސްވަރު، ބައިނަލްއަޤުވާމީ އުފެއްދުންތެރިކަމާއި ޢިލްމުގައި ނަގާކިޔާފައިވަނީ އިސްލާމީ ޙަޞާރާތުން ކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފަ އެވެ.

އަދި އޭރު، ޢިލްމު އުނގެނުމަކީ މުޤައްދަސް ޒިންމާއެއްކަމަށް ދެކިގެން، އެކަމަށް ބާރުދޭ މިސްކިތްތަކާއި، ކުތުބުޚާނާތަކާއި ހަސްފަތާލުތަކާއި ޔުނިވަރސިޓީތަކުގެ ވިއުގަތައް ޤާއިމުކޮށްފައި ހުރިކަން އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން ޒަމާނީ، ފިކުރީ ނަހަޟާއެއްގެ ހުޅުކޮޅު ރޯކުރެވޭނީ، ޒުވާނުން ބާރުވެރިކޮށް، ޒުވާނުންގެ ބައިވެރިވުމާއެކުގައި ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. މިކަން ކުރުމަށްޓަކައި، ދުނިޔޭގެ ފެންވަރުގެ ޔުނިވަރސިޓީތަކާއި، ދިރާސާކުރާ މުއައްސަސާތަކާއި، ޑިޖިޓަލް މަންސަތައް ޤާއިމުކުރުމަށް ވުނަކުރަން ޖެހޭކަމަށް ވިދާޅުވި އެވެ.

އަދި ސައިންސާއި އަޤީދާއަކީ ތަޢާރުޒުވާ ދެ ބަހާކަމުގައި ކުރާ ކުށްހީއަށް ގޮންޖައްސަވައި، އެއީ ކުރިއެރުމުގެ ބިންގާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، އިސްލާމީ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ. އެގޮތުން، އެއް ޤައުމަށް ވުރެ ގިނަ ޤައުމުން ބައިވެރިވާ ރިސަރޗް ހަބްތަކާއި، އިނޮވޭޝަން އިންކިއުބޭޓަރތަކާއި، ބައިވެރިވުން އޮންނަ އެފަދަ އެނޫންވެސް މަންސަތައް ޤާއިމުވެފައި ހުރުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން، ސައިންސާއި، ދެމެހެއްޓެނިވި އުޞޫލުތަކާއި، އަޚްލާޤިއްޔަތާމެދު ބައިނަލްއަޤުވާމީ ފެންވަރެއްގައި ސިޔާސަތުތައް ބައްޓަންކުރެވޭނޭ ފަދަ މަޝްވަރާތައް އުފަންކުރުމުގައި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން އިސްނެންގެވުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

މުސްލިމު ކޮންމެ ދަރިއަކަށްވެސް ޢިލްމު އުނގެނުމުގެ ހައްގު ހޯދައިދޭން ޖެހޭ

އެމަނިކުފާނުގެ ވާހަކަފުޅުގައި، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުސީބާތްތަކަށް ވެސް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން، އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކުރައްވައި އެ ޢަމަލުތަކުގެ ނޭދެވޭ އަސަރުތައް ފޯރަމުންދާ އެންމެންނާ އެކުގައި ހުންނެވިކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.

އަދި އިސްލާމް ދީނަކީ، އަމަން އަމާންކަމާއި، އޯގާތެރިކަމާއި، ޢިލްމާއި، ޢަދުލުއިންސާފަށް ގޮވާލާ ދީނެއްކަން ފާހަގަކުރައްވައި، ކޮންމެ މުސްލިމު ދަރިއަކަށްވެސް ޢިލްމު އުނގެނި، ކުރިއަރައި، އިސްވާރަކަށް ވެވޭނޭ ފަދަ މުސްތަޤުބަލެއް ޤާއިމުކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހިއްސާ ކުރައްވާފައިވެ އެވެ.

އިސްލާމީ ހަޟާރަތުގެ މީރާހަށް ޙައްޤު ޝަރަފު ހޯދައިދޭން ޢަޒުމު ކަނޑައަޅައިފި ނަމަ، ޞިއްޙީ ދާއިރާގައްޔާއި، ހަކަތައިގެ ދާއިރާގެ އިތުރުން ކުއަންޓަމް ކޮމްޕިއުޓިން ފަދަ، ދާއިރާތަކުގައިވެސް އިންޤިލާބީ ހޯދުންތައް ހޯދުމުގެ ފުރުޞަތު އެބައޮތްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، އައި.އައި.ޔޫ.އެމްގެ އިސްވެރިންނާއި ފެކަލްޓީ އާއި ދަރިވަރުން އެމަނިކުފާނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ޔުނިވަރސިޓީއިން އެމަނިކުފާނަށް އެރުވި ޝަރަފު ރަމްޒުކޮށްދެނީ، އިސްލާމީ އުންމަތުގެ ކުރިއެރުމަށްޓަކައި ޖަމަޢީ ގޮތެއްގައި ހިއްސާކުރާ ޢަޒުމު ކަމުގައި އެމަނިފާނު ވިދާޅުވިއެވެ.

ޕަހަންގްގެ ތެންގްކޫ އަމްޕުއަން، ތުންކޫ ޢަޒީޒާ ޢަމީނާ މައިމޫނާ އިސްކަންދަރިއްޔާ އާއި، ޔުނިވަރސިޓީގެ އިސް އޮފިޝަލުންނާއި، މެލޭޝިއާގެ ތަޢުލީމީ ދާއިރާ ތަމްސީލުކުރާ އިސްވާރުން، މި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު