ENGLISH
07 ޖުލައި 2025
ފުލުހުންގެ އިންސްޕެކްޓަރ ކޯސް އައްޑޫ ސިޓީގައި ފަށައިފި
29 އޭޕްރީލު 2025
|
އައްޑޫ ސިޓީގައި ފެށި ފުލުހުންގެ އިންސްޕެކްޓަރ ކޯހުގެ ބައިވެރިން.--. ފޮޓޯ: ޕޮލިސް
ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ފުލުހުންގެ އިންސްޕެކްޓަރ ކޯހުގެ ހަތަރު ވަނަ ބުރު އައްޑޫ ސިޓީގައި ފަށައިފިއެވެ.
ފުލުހުންގެ އިންސްޕެކްޓަރ ކޯސް އައްޑޫ ސިޓީގައި ފެށީ މިމަހުގެ 26 ވަނަ ދުވަހުއެވެ. ކޯހުގައި 31 ފުލުހުން ބައިވެރިވާއިރު، އޭގެތެރޭގައި 25 ފިރިހެން ފުލުހުންނާއި 6 އަންހެން ފުލުހުން ހިމެނެއެވެ.
ކޯސް ކުރިއަށްގެންދަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުންގެ ފަރާތުންނެވެ. ފުލުހުންގެ އިދާރާއިން ބުނީ ކޯސް ކުރިއަށްދާނީ 8 ހަފްތާގެ މުއްދަތަކަށް ކަމަށެވެ.
ކޯހުގައި ކިޔަވައިދޭ މުހިއްމު ބައިތަކުގެ ތެރޭގައި ފުލުހުންގެ ގާނޫނާއި ފުލުހުންނާއި ގުޅުންހުރި އެހެނިހެން ގާނޫނުތަކާއި، ޑިވެލޮޕިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްކިލްސްގެ އިތުރުން ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސްޓަޑީޒް އަދި ޕޮލިސިން އެންޑް އިންވެސްޓިގޭޝަން ސްޓަޑީޒް ހިމެނެއެވެ.
ފުލުހުންގެ ހިދުމަތުން ބުނީ އައްޑޫ ސިޓީގައި ކުރިއަށްގެންދާ ކޯސް ނިމޭއިރު މުވައްޒަފުންގެ އިލްމާއި ހުނަރު ތަރައްގީވެގެން ދާނެކަމަށެވެ. އަދި، ގާނޫނުތައް ތަންފީޒުކުރުމުގައި ކުރިމަތިވާ ހުރަސްތަކާ ކުރިމަތިލައި، ޕްރޮފެޝަނަލް ކަމާއެކު މަސައްކަތްކުރާނެ ގާބިލްކަން ފުލުހުންނަށް ލިބިގެންދާނެކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.