ENGLISH
18 މޭ 2025
މަތިވެރި "މަންތާ" ފާލަން ގިނަ ބަޔަކަށް ކަމުހިނގައްޖެ
29 އޭޕްރީލު 2025
|
އއ. މަތިވެރީގައި ހަދަން ނިންމި "މަންތާ" ފާލަން މަތިން ފެންނާނެ ގޮތުގެ ކުރެހުމެއް-- ފޮޓޯ/ މަތިވެރި ކައުންސިލު
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަޤުބޫލު، އއ. މަތިވެރީގައި ހަދަން ނިންމި ހިތްގައިމު "މަންތާ" ފާލަމުގެ ކުރެހުންތައް ގިނަ ބަޔަކަށް ކަމުގޮސް ބޮޑު މަޤްބޫލު ކަަމެއް ލިބިގެން ހިނގައްޖެއެވެ.
އަތޮޅުގެ ރަށްތަކުގެ މެދުގައި، ތިލަ ބޮޑު ފަޅެއް ލިބިފައިވާ، މަތިވެރި ކައުންސިލުން އެރަށުގެ ޚަބަރުތައް ގެނެސްދޭ ޗާލު މަތިވެރި ފޭސްބުކް ޕޭޖުގައި މަންތާ ފާލަމުގެ ކުރެހުންނަށް މިދިޔަ ހުކުރު ދުވަހު ހިއްސާ ކުރިއެވެ. އެއާއެކު އެއްމަޑިއެއްގެ ރަމްޒަށް ހަދާ ފާލަމުގެ ކުރެހުންތައް، ކުޑަ ވަގުތުކޮޅެއްގައި ގިނަ އަދަދެއްގެ ބަޔަކު ފޭސްބުކްގައި ޝެއާކުރި އެވެ. މިހާތަނަށް 560 ވުރެ ގިނަ ޝެއާ އެ ޕޯސްޓަށް ލިބިފައިވެއެވެ.
މަންތާ ފަލަން ކުރިމަތިން ފެނަން ހުންނާނެ ގޮތުގެ ކުރެހުމެއް-- ފޮޓޯ/ މަތިވެރި ކައުންސިލް
އާންމުންގެ ޚިޔާލަށް ހުޅުވި ކުރެހުމަށް ލިބުނު ބޮޑު ތަރުހީބާއެކު މަތިވެރި ކައުންސިލުން މިހާރު ވަނީ ކުރެހުމުގައިވާ ފަރުމާއަށް ފާލަން ހަދަން ނިންމާފައެވެ.
އެރަށު ކައުންސިލު ރައީސް އަޙްމަދު އަސްލަމް ވިދާޅުވީ ރަށުގެ ބަނދަރުގައި ހެދުމަށްޓަކައި ކައުންސިލުން ޒުވާނަކު ލައްވާ ފަރުމާންކުރި ފާލަން ހަދާނެ ބަޔަކު ހޯދަށް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރަށުގެ ވަށައިގެން އެއްމަޑި ފެންނައިރު، މަޑި އެއްގެ ރަމްޒަށް ފާލަން ހަދަން ނިންމީ ޓޫރިސްޓުންގެ ހިތްހަޖެހުމަށް ވިސްނާފައެވެ.
އެއް ފަރާތުން ބަލާއިރު މަންތާ ފަލަން ފެނަން ހުންނާނެ ގޮތުގެ ކުރެހުމެއް-- ފޮޓޯ/ މަތިވެރި ކައުންސިލް
"އާންމުކޮށް ފާލަންތައް މި ހަދަނީ ހަތަރު ފުރާޅުލާފައި. މި ސަރަހައްދުގައި މަންތާ ވަރަށް ގިނައިން އުޅޭ. އެހެންވީމަ ޓޫރިޒަމަށް ވިސްނާފައި ތަފާތު ފާލަމެއް ހަދަން ނިންމީ، ވައި މަތީގައި ހަދާ ތަނަކަށްވާތީ ފާލަން ވަރުގަދަ ކުރަން ވެސް މީހުން ޚިޔާލު ދީފައިވަނީ." އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ފައިބަރުން ހަދާ ބޮޑު އެއްމަޑި ފުރާޅު ހަރުކުރަން ނިންމާފައިވަނީ 30 ފޫޓު 50 ފޫޓު ފާލަމުގެ މައްޗަށް ކޮންގްރީޓު ހަ ތަނބުޖަހައިފައެވެ. ބޭނުންވާ ގޮތަށް އެ ފާލަން ހަދާނެ ބަޔަކު ހޯދުމަށް ވަރަށް އަވަހަށް އިއުލާނުކޮށް، ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ބަޔަކާ އެ މަސައްކަތް ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފާލަން ހެދުމަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޭދަވާނެ ކަމަށް ކައުންސިލުން އަންދާޒާކުރެއެވެ.
މަންތާ ފާލަން ދަށުން ފެންނާނެ ގޮތުގެ ކުރެހުމެއް-- ފޮޓޯ/ މަތިވެރި ކައުންސިލް
އަބަދުވެސް ކުނި ކަހައި ސާފުކޮށްފައި ބާއްވާ ޗާލު މަތިވެރި އަކީ ގާތްގަނޑަކަށް 22 ހެކްޓަރުގެ ރަށެކެވެ. ހާހެއްހާ މީހުން ދިރިއުޅޭ މަތިވެރީގައި 13 ގެސްޓުހައުސް ހުންނައިރު 176 އެނދު ހުރެއެވެ.
މަތިވެރީގައި ހިތްގައިމު ފާލަމެއް ހަދަން މިނިންމީ ރަށްރަށުގެ ނަން ބޮޑު އަޑުކުރުން ޖަހާފައި ބެހެއްޓުމުގެ އޮޔެވަރަކަށް ފަހު ފާލަން ހެދުމުގެ އޮޔެވަރެއް ފެށިފައިވަނިކޮށެވެ. މަތިވެރީގެ ބަނދަރުމަތީގައި އެ ރަށުގެ ނަން ޖަހާފައިވަނީ ވެސް "މަންޓާ" ރަމްޒުވާ ގޮތަށެވެ.