ENGLISH
07 ޖުލައި 2025
ޤައުމު ކުރިއަރައި ދިއުމުގައި އަންހެނުން ކުރާ މަސައްކަތަށް ތައުރީފު ހައްޤު: މިނިސްޓަރ އާދަމް ޝަރީފް
29 އޭޕްރީލު 2025
|
މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު - ފޮޓޯ: މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް
މި ޤައުމު ކުރިއެރުވުމަށް އަންހެނުން ކުރަމުންދާ މަސައްކަތަށް ތައުރީފު ހައްޤު ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
"އަންހެންވެރިންގެ ސައްލާ" މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޤައުމެއް ބިނާކުރާއިރު އެންމެ މުހިއްމު އެއް ކަމަކީ ހަރުދަނާ ޢާއިލާތަކެއް ބިނާކުރުން ކަމަށެވެ.
އެގޮތުން ކާމިޔާބު އާއިލާތަކެއް ބިނާ ކުރުމުގައި އެންމެ އިސްދައުރެއް އަދާކުރަނީ އަންހެނުންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ކާމިޔާބު އާއިލާތައް ބިނާކުރުމުގައި އަންހެނުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަން ކުރަން ޖެހޭ ކަމަށެވެ.
"ޤައުމު ކުރިއަރާ ދިއުމުގައި ހަގީގަތުގައި ވެސް އަންހެންވެރިންނަށް ތައުރީފު ހައްގުވޭ. މަންމައިންނާއި ދައްތައިންނަނަށް. ދަރިން ތަރުބިއްޔަތު ކުރުމުގައި ހަރުދަނާ ބަޔަކަށް އަޅުގަނޑުމެން ހެދުމުގައި ކުރާ މަސައްކަތަށް." - މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އާއިލާތައް ބިނާކުރުމުގެ އިތުރުން ރަށްރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތުގައި އަންހެނުންގެ ބައިވެރިވުން މުހިއްމު ކަމަށެވެ. އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުން އިސްނަގައިގެން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކުރުވައި، ބައިވެރިވުން އިތުރު ކުރުމަށްވެސް އެންމެ މުހިއްމު މަސައްކަތްތަކެއް ކުރެވޭނެ އެއް ބަޔަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ކޮމިޓީތަކަށް ދިމާވެފައިވާ ބައެއް ދަތިތަކުގެ ވާހަކައަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ވިދާޅުވީ އަލަށް އިމާރާތް ކުރެވޭ ކައުންސިލް އިމާރާތްތައް ނިމުމުން، އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ކުރިން އަންހެނުން މަސައްކަތް ނުކުރާ އެތަކެއް ދާއިރާތަކުން އަންހެނުން މަސައްކަތް ކުރާތަން މިހާރު ފެންނަމުންދާ ކަމަށެވެ. އަދި އެއީ އެކަމާމެދު ނުހަނު އުފާކުރާ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު ފެށި އަންހެނުންގެ ސައްލާގައި، ކުލަސްޓަރ ތިނެއްގައި ހިމެނޭ އަތޮޅުތައް ކަމުގައިވާ، މާލެއަތޮޅާއި، އއ. އަަތޮޅާއި، އދ. އަތޮޅާއި، ވ. އަތޮޅާއި އަދި މ. އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ ތެރެއިން 59 ބޭފުޅަކު ބައިވެރިވެފައި ވެއެވެ.
އަންހެންވެރިންގެ ސައްލާ، މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްދު، ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ފެށުނު "އަންހެންވެރިންގެ ސައްލާ" މާދަމާގެ ނިއަލަށް ކުރިއަށް ދާނެއެވެ. މިއީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޚާއްޞަކޮށްގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްްއިން ކުރިއަށް ގެންދާ މި ފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ.