ENGLISH
07 ޖުލައި 2025
ބަރޖާޔާ ކޯޕަރޭޝަންގެ ފައުންޑަރ އަދި އެޑްވައިޒަރ، ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
29 އޭޕްރީލު 2025
|
ބަރޖާޔާ ކޯޕަރޭޝަން ބަރހާދްގެ ފައުންޑަރ އަދި އެޑްވައިޒަރ، ހިޒް އެކްސެލެންސީ ވިންސެންޓް ޓަން ޗީ ޔިއޫން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ބަރޖާޔާ ކޯޕަރޭޝަން ބަރހާދްގެ ފައުންޑަރ އަދި އެޑްވައިޒަރ، ހިޒް އެކްސެލެންސީ ވިންސެންޓް ޓަން ޗީ ޔިއޫން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގައި މެލޭޝިއާގެ އިންވެސްޓަރުންނާއި ވިޔަފާރިތަކަށް ހުރި ފުރުޞަތުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އަދި، އެފަދަ ފުރުޞަތުތަކަށް ރާއްޖެ އޮތީ ހުޅުވިފައިކަމަށާއި ރާއްޖޭގައި އިންވެސްޓްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ކިޔާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބަރޖާޔާ ކޯޕަރޭޝަން ބަރހާދްގެ ފައުންޑަރ އަދި އެޑްވައިޒަރ ވަނީ އެކޯޕަރޭޝަނުން މިހާތަނަށް ހިންގާފައިވާ މަޝްރޫޢުތަކުގެ ތަފްޞީލް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި، އެކޯޕަރޭޝަންގެ ޕޯޓްފޯލިއޯ ފުޅާކުރެވޭނެ ގޮތްތަކާ މެދު ވެސް މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެކަންވެސް ވަނީ ހާމަކުރައްވާފައެވެ.
މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަމާގުޅޭ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ. އަދި، ރާއްޖޭގައި ވިޔަފާރިކުރުމަށް ހުރި ފަސޭހަތަކާއި ބޭރުގެ އިންވެސްޓަރުންނަށް ފޯރުކޮށްދެވޭ ލުއިތަކުގެ މައްޗަށްވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގައި އިންވެސްޓްކުރެވޭނެ ދާއިރާތަކާއި، ވަޔާއި ކަނޑުގެ މަގުން ރާއްޖެ ގުޅިފައިވާ މިންވަރުގެ މައްޗަށް ވަޒީރުން ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި، ވަޔާއި ކަނޑުގެ މަގުން ރާއްޖޭގެ ކަނެކްޓިވިޓީ އިތުރަށް ފުޅާކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުތަކާއި ބެހޭގޮތުން ވެސް އެބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ބަރޖާޔާ ކޯޕަރޭޝަން ބަރހާދްގެ ފައުންޑަރ އަދި އެޑްވައިޒަރގެ އިތުރުން، މި ބައްދަލުވުމުގައި، އެ ކޯޕަރޭޝަންގެ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރ، ސަޔެދް ޢަލީ ޝަހުލް ޙަމީދުގެ އިތުރުން، ބަރޖާޔާ ކޯޕަރޭޝަން ބަރހާދްގެ ފައުންޑަރ އަދި އެޑްވައިޒަރގެ އެގްޒެކެޓިވް އެސިސްޓަންޓް މޮރީސް ޑެނިއެލް ޗެން ބައިވެރިވެވަޑައިގެންނެވިއެވެ.