ENGLISH

07 ޖުލައި 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، މެލޭޝިއާގެ ޕެޓްރޮނާސް ޓްވިން ޓަވަރުތަކަށް ޒިޔާރަތްކުރައްވައިފި

29 އޭޕްރީލު 2025

|

އިސްމާއީލް ރާތިއު

ރައީސްުލްޖުމްހޫރިއްޔާ، މެލޭޝިއާގެ ޓްވިން ޓަވަރުތަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ޕެޓްރޮނާސް ޓްވިން ޓަވަރުތަކަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޓްވިން ޓަވަރތަކަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މެލޭޝިއާ ޕެޓްރޯލިއަމް މެނޭޖްމަންޓުގެ ސީނިއާ ވައިސް ޕްރެޒިޑެންޓް، ހިޒް އެކްސެލެންސީ ބަޗޯ ޕިލޮންގް އެވެ.

މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެތަނުގެ ޢިމާރާތްކުރުމާއި ޘަޤާފީގޮތުން އެތަނުގެ ޚާއްޞަ ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ހޯއްދަވާފައެވެ.

މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް އެތައް މަސައްކަތްޕުޅެއް އެމަނިކުފާނު ދަނީ ކުރައްވަމުންނެވެ. އެގޮތުން ދެ ޤައުމުގެ ދެމެދު އެއްބާރުލުން ދިނުމާ ގުޅޭ 5 އެއްބަސްވުމެއްގައި އިއްޔެ ވަނީ ސޮއިކުރައްވާފައެވެ. އެއީ ކުޅިވަރުގެ ދާއިރާ އާއި ޞިއްޙީ ދާއިރާ އާއި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ޚާރިޖީ ދާއިރާއިން މީހުން ބިނާކުރުމާއި ޑިޕްލޮމޭޓުން ތަމްރީނުކުރުމާ ގުޅޭ އެއްބަސްވުންތަކެވެ.

މީގެ އިތުރުން ރައީސް ޑރ.މުޢިއްޒު ވަނީ މެލޭޝިއާގެ އިންވެސްޓަރުންނަށް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ އިތުރުން އެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓު ކުރުމުގެ ދައުވަތު މެލޭޝިއާގެ އިންވެސްޓަރުންނަށް ދެއްވާފައެވެ. މެލޭޝިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ހަރުދަނާކޮށް، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ސަރުކާރުން ވަނީ، މެލޭޝިއާގައި ދިވެހި ޕާސްޕޯޓާއި އައިޑީ ކާޑު ހެއްދުމުގެ އިންތިޒާމް ހަމަޖައްސައި އެ ޚިދުމަތް ދޭން ފަށާފައެވެ. މިއީ ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ހެއްދުމުގެ ޚިދުމަތް ރާއްޖޭން ބޭރުގައި ތަޢާރަފް ކުރި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު