ENGLISH
07 ޖުލައި 2025
މައިނޯރިޓީއަށް އިހުތިރާމްކޮށްގެން މަޖިލީހެއް ހިނގާ މިއީ ފުރަތަމަ ފަހަރު: ޝުޖާއު
29 އޭޕްރީލު 2025
|
ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު - ފޮޓޯ: މަޖިލިސް
މައިނޯރިޓީއަށް އިހުތިރާމް ކޮށްގެން ރައްޔިތުންގެ މަޖިލީހެއް ހިނގާ މިއީ ފުރަތަމަ ފަހަރު ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭގޮތަށް ރިޔާސަތުން އަމަލުކުރަމުންގެންދާ ކަމަށް ބުނެ އިދިކޮޅުން ވަނީ ގަރާރެއް ހުށަހަޅާފައެވެ.
އެ ގަރާރަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ 20 ވަނަ މަޖިލީހުން ފެންނަނީ ގަވާއިދުގައި ތަންދޭ އެންމެ ފުޅާމިނުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރުމުގެ ފުރުސަތު މައިނޯރިޓީއަށް ލިބިގެންދާ މަންޒަރު ކަމަށެވެ. އަދި ގަވާއިދުގައިވާ ގޮތުގެމަތިން މަޖިލީހަށް ވަޒީރުން ހާޒިރުކުރެވި ސުވާލުކުރަން ފުރުސަތު ދެވިގެންދާ މަންޒަރު ކަމަށެވެ.
މެންބަރު ވިދާޅުވީ ވަޒީރުން ހާޒިރުކުރުމަށްފަހު ކުރާނެ ސުވާލެއް ނެތިގެން އިދިކޮޅު އެމްޑީޕީން މަޖިލިސް ހަލަބޮލި ކުރަން އުޅޭ މަންޒަރު ވެސް މިއަދު ފެންނަމުންދާ ކަމަށެވެ. މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒްތައް ނުލިބޭ ކަމަށް އިދިކޮޅުން ބުނަމުންދާ ވާހަކައަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ 20 ވަނަ މަޖިލީހުން އެއްވެސް މެންބަރެއްގެ އިމްތިޔާޒަކަށް އަރައިގަނެފައިވާ ކަމަކަށް ފާހަގައެއް ނުކުރެވޭ ކަމަށެވެ.
މައިނޯރިޓީއަށް އިހުތިރާމުކޮށްގެން މަޖިލީހެއް ހިނގާ މިއީ ފުރަތަމަ ފަހަރުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މަޖިލީހުން މައިނޯރިޓިއަށް އިހުތިރާމްކުރުމޭ މި ދަންނަވާ ބަހުގެ މާނައަކީ ބައެއް ކޮމިޓީތައް، މަޖިލީހުގެ ބައެއް މުހިއްމު، ބޮޑެތި ކޮމިޓީތަކުން ހުންނާނެ ލިބެންވާ މިންވަރަށް ވުރެ އިތުރަށް ވެސް އެމްޑީޕީއަށް ފުރުސަތު ދީފަ. ޖާގަ ދީފަ. މިސާލަކަށް މާލިއްޔަތު ކޮމިޓީ. މާލިއްޔަތު ކޮމިޓީން ބޭނުންވީ އެމްޑީޕީއަށް އިތުރު އެއް ޖާގަދޭން. މި މަޖިލީހުން، ޕީއެންސީ ސުޕަމެޖޯރިޓީ ސަރުކާރުގަ އަޅުގަނޑުމެން ތިބެމެ އެމްޑީޕީއަށް އެ ފުރުސަތު ދިނީ އެއީ މުހިއްމު ކޮމިޓީއެއް ކަމަށްވާތީ،" - ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
މެންބަރު ވިދާޅުވީ އެއީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީއަށް ފުރުސަތު ދިނުމަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ. އަދި ހަމަ އެހެންމެ، ކޮމިޓީތަކުގައި ވެސް އިދިކޮޅު އެމްޑީޕީއަށް މިނިވަންކަމާއެކު ބަހުސްކޮށް، އެބޭފުޅުންގެ ކޮމެންޓުތައް ހުށަހެޅުމުގެ ފުރިހަމަ މިނިވަންކަން ވެސް ލިބިގެންދާތަން ފެނިގެންދާ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.