ENGLISH
07 ޖުލައި 2025
2007 ގެ ފަހުން އުފަންވި އެންމެނަށް ދުންފަތް މަނާކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި
29 އޭޕްރީލު 2025
|
ތަނެއްގައި ބަހައްޓާފައި ހުރި ސިނގިރޭޓްތަކެއް. --ފޮޓޯ: ހެލްތު މިނިސްޓްރީ
ދިވެހިރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ/އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް "ޖެނެރޭޝަނަލް ބޭން" އެއް ގެނައުމަށްޓަކައި ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަގް ހުށަހަޅުއްވާފައިވާ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން ވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވާފައެވެ.
މި ބިލުގައި ވާގޮތުން، ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް 1 ޖެނުއަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު އިސްތިއުމާލުކުރުމަކީ މަނާކަމެކެވެ.
ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް އެއްވެސް ފަރާތަކުން 1 ޖެނުއަރީ 2007 ގައި އުފަންވެފައިވާ އެއްވެސް މީހަކަށް ވިއްކުމަކީ މަނާކަމެކެވެ. ހަމައެއާއެކު އުމުރުން 21 އަހަރު ނުވާ މީހުންނަށް މީގެކުރިން ވެސް އޮތް ގޮތަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެ ކަމަށް ވެސް ބިލުގައި ވެއެވެ. މިއިން އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ވިއްކުމުގެ މުއާމަލާތެއްގައި ވެސް ބައިވެރިނުކުރެވޭނެ ކަމަށް ބިލުގައި ހިމަނާފައިވެ އެވެ.
ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް ގަންނަ ކޮންމެ މީހަކީ އެ އުމުރުފުރާގެ މީހެއް ނޫން ކަށަވަރުކުރުމަށްޓަކައި އެ މީހުންގެ އައިޑީކާޑު ނުވަތަ އުމުރު އަންގައިދޭ އެ ނޫން ވެސް ރަސްމީ ލިޔުމެއް ދައްކަން އަންގަން ޖެހޭނެ ކަމަށް ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާތަކުގެ ގޮތުގައި ވަނީ މި ބިލުގައި ހިމަނާފަ އެވެ.
އިލެކްޓްރޯނިކް ސިނގިރޭޓު ބޭނުންކުރުން ނުވަތަ ވޭޕްކުރުމަކީ ގާނޫނީ ގޮތުން މަނާކަމަށްވާއިރު، މި ބިލުގައި ވަނީ އެކަމާ ގުޅިގެން އިތުރު މާއްދާތަކެއް ހިމަނާފަ އެވެ. އެގޮތުން، އާއްމުތަނެއްގައި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލަތެއް މީހަކު ގެންގުޅެނިކޮށް ނުވަތަ ބޭނުންކުރަނިކޮށް ފެނިއްޖެ ނަމަ އެ އެއްޗެއް އަތުލުމުގެ ބާރު ފުލުހުންނަށް ލިބޭނެ ކަމަށް މި ބިލުގައި ބުނެފައިވެ އެވެ. އެގޮތަށް އަތުލެވޭނީ:
މި ސަރުކާރުން ދަނީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު މަދު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކުރިއަށް އޮތް ޖީލު މިވަބާއިން ސަލާމަތް ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަ ކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަވެފައިވަނީ ދުންފަތުގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށް، މީގެ ކުރިން ދިވެހިރާއްޖޭގައި ވެރިކަންކުރި އެހެން ވެރިޔަކަށް އަޅަން ނުކެރުނު ތާރީހީ ފިޔަވަޅުތަކެއް އެޅުއްވި ވެރިއެއްގެ ގޮތުގައެވެ. މިގޮތުން ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެންވަނީ މަނާކޮށްފައެވެ.