ENGLISH
07 ޖުލައި 2025
ނަފްސާނީ ސިއްހަތަށް ހާއްސަކޮށްގެން ތައްޔާރުކުރި 'ވިލުންތެރި އެކުވެރިން' ފޮތް ނެރެފި
29 އޭޕްރީލު 2025
|
ނަފްސާނީ ސިއްހަތަށް ހާއްސަ ފޮތް ވަޒީރު ޢަބްދުﷲ ނާޒިމް އިފްތިތާހުކޮށްދެއްވަނީ. ފޮޓޯ: ޞިއްޙީ ވުޒާރާ
ބެލެނިވެރިންނާއި ކުޑަކުދިންގެ ނަފްސާނީ ސިއްހަތަށް ހާއްސަކޮށްގެން ނޭޝަނަލް މެންޓަލް ހެލްތު ޑިޕަރޓްމަންޓުން ތައްޔާރުކުރި 'ވިލުންތެރި އެކުވެރިން' ފޮތް ޞިއްހީ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޒިމް އިފްތިތާޙްކޮށްދެއްވައިފިއެވެ.
ނަފްސާނީ ސިއްހަތުގެ ޑިޕަރޓްމަންޓުން އެ ފޮތް ތައްޔާރުކުރީ ޔުނިސެފް މޯލްޑިވްސްއާ ގުޅިގެންނެވެ.
ވިލުންތެރި އެކުވެރިން ފޮތަކީ ނަފްސާނީ މައްސަލަތަކާއި ގުޅޭގޮތުން ހޭލުންތެރި ކުރުމުގެ މައުލޫމާތާއެކު ކުޑަކުދިންގެ ޝައުުގުވެރިކަން ލިބޭނެ ގޮތަށް ދިވެހި ބަހާއި އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ ފޮތެކެވެ.
ނޭޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތުގެ ކޮންސަލްޓަންޓް އިން ސައިކޭޓްރީ ޑރ. ޝަނޫހާ މަންސޫރު ވިދާޅުވީ "ވިލުންތެރި އެކުވެރިން" ފޮތް އަމާޒުކުރީ ނަފްސާނީ އެކިކަހަލަ އުނދަގޫތައް ތަހައްމަލް ކުރަމުންދާ ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް ކަމަށެވެ.
ފޮތް ފަރުމާކޮށްފައިވަނީ ކުޑަކުދިންނާއި ގުޅުންހުރި ވާހަކަތައް ހިމަނައިގެން ގުދުރަތީގޮތުން ރާއްޖޭގެ ބޮޑު ބައެއް ހިއްސާކުރާ ކަނޑާއި ގުޅުވައިގެންނެވެ. ކުދިންނަށް ތަޖުރިބާކުރެވޭ އެކިކަހަލަ ނަފްސާނީ އުނދަގޫތަކާ ގުޅޭ ހަތަރު ވާހަކައެއް އެ ފޮތުގައި ވަނީ ހިމަނައިފައެވެ. ކޮންމެ ވާހަކައެއްވެސް ކުޑަކުދިންގެ ނަފްސާނީ ސިއްހަތާ ގުޅުވާފައިވާއިރު، ބެލެނިވެރިންގެ ގައިޑްގައި ހިމަނާފައިވަނީ ކުދިންނަށް ދިމާވާ ނަފްސާނީ އުނދަގޫތަކާއި ގުޅިގެން އަމަލުކުރެވިދާނެ ގޮތްތަކެވެ.
"މީގެ މަގްސަދަކީ އަޅުގަނޑުމެންގެ ކޮމިއުނިޓީ ތެރޭގައި ކުދިންނަށާއި ޕޭރަންޓުންނަށް ދިމާވާ އުނދަގޫތަކަށް ކޮންމެވެސް އެހީތެރިކަމެއް ފޯރުކޮށްދިނުން. މިސާލަކަށް ކޮންމެހެން ނަފްސާނީ ބައްޔެއް ހުރެގެނެއް ނޫން، އުނދަގޫތަކަށް އެޑްރެސް ކުރާނެ ވަރަށް އާދައިގެ ކަންތައްތައް މީގަ މިހުރީ. އަޅުގަނޑުމެންގެ އުއްމީދަކީ ކޮމިއުނިޓީ ތެރޭގަ ކުދިންނަށާއި އެކުދިންގެ ބެލެނިވެރިންނަށް އެހީއެއް ގޮތުގަ ބޭނުންކުރެވޭނެ މެޓީރިއަލް އަކަށް ވުން" - ޑރ. ޝަނޫހާ މަންސޫރު
'ވިލުންތެރި އެކުވެރި' ފޮތް ނެރެދެއްދި ރަސްމިއްޔާތުގައި ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމްގެ އިތުރުން ނޭޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތުގައި މަސައްކަތްކުރައްވާ ނަފްސާނީ ޞިއްޙަތުގެ ޑޮކްޓަރުން އަދި ޞިއްޙީ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.