ENGLISH
29 އޭޕްރީލު 2025
ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ފެއާގައި ބޮޑު ކޮންޓިންޖެންޓަކުން ރާއްޖެ އިސްތިހާރުކުރަން ފަށައިފި
28 އޭޕްރީލު 2025
|
އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ރާއްޖެއިން ބައިވެރިވި ފަރާތްތައް ގްރޫޕް ފޮޓޯއަކަށް އެތުރިގެން: މި ފެއާގައި ރައްޖެއިން 235 މީހުން ބައިވެރިވި. -- ފޮޓޯ/ޕީއެސްއެމް
ޓޫރިޒަމް މާކެޓް ކުރުމަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފެއާރ ކަމަށް ގިނަ ބަޔަކު މިހާރު ގަބޫލްކުރާ، އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި 235 މީހުންގެ ބޮޑު ކޮންޓިންޖެންޓަކުން ރާއްޖެ އިސްތިހާރުކުރަން މިއަދު ފަށައިފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނި ގޮތުގައި މިއަދުން ފެށިގެން މޭ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ދުބާއީގައި ކުރިއަށް ގެންދާ ފެއާގައި 110 ކުންފުންޏަކުން 235 މަންދޫބުން ބައިވެރިވެއެވެ. ފެއާރގައި ބައިވެރިވި ގިނަ ކުންފުނިތަކުން، ވަނީ ރާއްޖޭގެ ހިތްގައިމުކަން ދައްކުވައިދޭ ސްޓޯލްތައް ވެސް ހަދައިފައެވެ.
ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ފެއާރގެ ފެށުން ދިވެހި ކޮންޓިންޖެންޓުން ފާހަގަކުރީ ޓޫރިޒަމް މިނިސްޓަރު ޠާރިޤު އިބްރާހިމް އާއި އެމްއެމްޕީއާރުސީގެ އިސްފަރާތްތަކާއި ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ނެގި ގްރޫޕް ފޮޓޯއަކުންނެވެ. ފެއާރ ހުޅުވި ވަގުތު އެމިރޭޓްސް އެއާރލައިގެ ޗެއަރމަން ޝެއިޚް އަހުމަދް ބިން ސަޢީދު އަލް މާޚްތޫމް ވަނީ ރާއްޖޭގެ ޕެވިލިއަން ޒިޔާރަތް ކުރައްވައިފައެވެ.
ޓްރެވަލް މާކެޓް (އޭޓީއެމް)ގެ ރާއްޖޭގެ ޕެވެލިއަންގެ ސްޓޯލްތަކެއް-- ފޮޓޯ/ޕީއެސްއެމް
ދުނިޔޭގެ 160 ގައުމަކުން ބައިވެރިވާ މި ފެއާރ ވެގެންދާނީ މި އަަހަރުން ފެށިގެން ކުރިއަށް އޮތް ތަނުގައި ރާއްޖެ އިސްތިހާރު ކުރުމަށް އެންމެ ޚާއްސަ ކަމެއް ދީގެން ބައިވެެރިވާ ފެއާރ އަަށެވެ.
"މީގެ ކުރިން ރާއްޖެެއިން ކޮންމެ އަހަރަކު އެންމެ އިސްކަމެއް ދީގެން ބައިވެރިވާ ފަތުރުވެރިކަމުގެ ފެއަރއަކީ ޖަރުމަނުވިލާތުގައި ބާއްވާ އައިޓީބީ ފެއަރ. ނަމަވެސް މި އަހަރުން ފެށިގެން ރާއްޖެއިން ބައިވެރިވާ އެންމެ ބޮޑު ފެއަރއަކަށް އޭޓީއެމް ފެއާރ ކަނޑައެޅީ. ރާއްޖޭގެ ފަތުރިވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފުންނާބުއުސް ފަރާތްތަކާއެކު ބޭއްވި މަޝްވަރާތަކަކަށް ފަހު،" އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިޢުރީ ޝިޢުރީ އެމްއެމްޓީވީއަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
ޝިއުރީ ވިދާޅުވީ ޖަރުމަނުވިލާތުގައި ބާއްވާ އައިޓީބީ ފެއަރއަށް ދާއިރު ވިސާގެ ކަންކަމާއެކު ގިނަ ދަތިތަކެއް ކުރިމަތިވާތީ ވަރަށްގިނަ ފަހަރު ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ގެއްލޭ ގޮތް މެދުވެރިވާ ކަމަށެވެ.
މިފަހަރުގެ ފެއަރއަށް ރެކޯޑު އަދަދަކަށް މީހުން ޒިޔާރަތް ކުރާނެ ކަމަށް އަންދާޒާކުރެއެވެ. ބައިނަލްއަގުވާމީ ތަފާތު 41 މީޑިޔާއަކުން މި ފެއަރގެ ޚަބަރުތައް ރަސްމީކޮށް ގެނެސްދޭނެއެވެ.