ENGLISH
28 އޭޕްރީލު 2025
ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުން، އިސްލާމްދީނާއި ދިވެހިވަންތަކަން ހިފެހެއްޓުމަށް ރައީސް އިލްތިމާސްކުރައްވައިފި
28 އޭޕްރީލު 2025
|
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލު ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުން، އިސްލާމްދީނުގެ އުސޫލުތަކާއި ދިވެހި ވަންތަކަން ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމްދީނުގެ އުސޫލުތަކަށް އަމަލުކޮށް، ފަޚުރުވެރި ދިވެހިންގެ ގޮތުގައި އަދި ދިވެހިވަންތަކަމުގައި ދިވެހި ޒުވާނުން ދެމިތިބުމަށް އިލްތިމާސްކުރައްވާފައެވެ. އެކި ކަންކަމުގައި، އެހެން ޤައުމުތަކުގައި ވަޒަންވެރިވެ ދިރިއުޅޭއިރު، ދީނުގެ ހަމަތައް ދޫކޮށްެލެވޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިސްލާމްދީނުގައި އޮންނަ ހުދޫދުތަކުން ބޭރުވާ ނަމަ، ލިބޭނެ އެއްވެސް އުފަލެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެެެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަަކަފުޅުގައި ދަރިވަރުންގެ ތަޢުލީމީ ކުރިއެރުމަށް ހިތްވަރު ދެއްވައި، އަމިއްލަ ނަފްސާއި، ޢާއިލާއާއި، ޤައުމަށް ރީތި ނަން ހޯދައިދިނުމަށް ބާރުއެޅުއްވިއެވެ.
އަދި، ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކުން، ދިވެހިންގެ އެއްބައިވަންތަކަމުގެ އުސޫލުތައް ނަގަހައްޓައި، އެކުވެރިކަން އާލާކުރުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަަކަފުޅުގައި ދައުލަތުގެ ޒިންމާއަކީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ދިވެހީން ދިރިއުޅުނު ނަމަވެސް، އެއީ ރާއްޖޭގައި ހުރި މީހެކޭ އެއްގޮތަށް، ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުން ކަމުގައި ވިދާޅުވިއެވެ. އެއީ އެއް ހައިސިއްޔަތެއް އަދި އެއް ހައްގުތަކެއް އޮންނަންޖެހޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"މި ގައުމަކީ މިހާރު އެންމެ ގިނަ ދިވެހީން ހަމަ ޔަގީނުންވެސް ކިޔެވުމަށް އަދި ޖުމްލަކޮށް ވެސް އައިސް ތިބި ގައުމު. އެހެންވީމަ އަޅުގަނޑުމެންގެ ހުރިހާ ހައި ކޮމިޝަންތަކުގެ ތެރެއިން، ހުރިހާ އެމްބަސީތަކުގެ ތެެރެއިން، އެންމެ ބޮޑަށް މަސައްކަތްތަކެއް ދިވެހިންނަށް ޓާގެޓްކޮށް ކުރަންޖެހޭނެ ހައި ކޮމިޝަން ހުރީ މިތަނުގަ. ކުރިއަށްއޮތް ތަނުގައި އިރާދަކުރެއްވިއްޔާ މިއަންނަ އަހަރަށް ބަޖެޓް ހެދިގެން ދާއިރު ކޮންސިއުލާ ޚިދުމަތްތަކާއި އެހެނިހެން ކަންކަމުގައި އެކަމަށް ވިސްނައިގެން އަޅުގަނޑުމެން ތިބޭފުޅުންނަށް ބޭނުންވާ ޚިދުމަތްތައް ރަނގަޅުކުރަން ބޭނުންވާ މަގުތައް ފަހިކޮށްދޭނަން އަދި އެހެނިހެން ކުރިއެރުންތައްވެސް ހޯދައިދޭނަން" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ހަފުލާގައި، ރައީސް ވަނީ ދިވެހި އައި.ޑީ ކާޑުގެ ޚިދުމަތާއި، ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓްގެ ޚިދުމަތް މެލޭޝިއާގައި ރަސްމީކޮށް ފައްޓަވައިދެއްވައި އަދި "މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން" އިފްތިތާޙްކޮށްދެއްވާފައެވެ.
މީގެއިތުރުން، ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތް އިތުރަށް ފުޅާކޮށް، ފުރިހަމަކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް މާދަމާއިން ފެށިގެން ދިވެހި ހައިކޮމިޝަނުން ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި، ދިވެހި ދަރިވަރުންނަށް ކަންކަން ފަސޭހަކޮށްދިނުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުން މެލޭޝިއާގައި ހުންނަ 'މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން'އަށް ކޮންމެ އަހަރަކުވެސް 3،000 އެމެރިކާ ޑޮލަރަށްވާ މެލޭޝިއާ ރިންގިޓް ޖަމާކުރެއްވުމަށް ނިންމަވާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވިއެވެ.
މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ސަބަބުން އިންވެސްޓްމެންޓް ދާއިރާއިން ރާއްޖެއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ވިޔަފާރީގެ ފުރުސަތުތައް މެލޭޝިއާގައި ދިރިއުޅޭ ދިވެހީންނަށާއި ދިވެހި ވިޔަފާރި ފުރުސަތުތައް ލިބިގެންދާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންނާ ބައްދަލުކުރުމަށް ރައީސް ބޭއްވެވި ރަސްމިއްޔާތުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަލީ ހައިދަރާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު އަލީ އިހުސާން އަދި ޚާރިޖީ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން ކުރީގެ ރައީސް، ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން އާއި އެމަނިކުފާނުގެ އަނބިކަބަލުން އިލްހާމް ޙުސައިންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ދިވެހިރާއްޖޭގެ ވަފުދުގެ ބޭފުޅުންނާއި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ގިނަ ޢާއިލާތަކާއި ދަރިވަރުން ބައިވެރިވެވަޑައިގެންނެވިއެވެ.