ENGLISH

28 އޭޕްރީލު 2025

Advertisement

ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނަށް ބަދަލު ގެންނަވައިފި

28 އޭޕްރީލު 2025

|

ހަސަން އާމިރު

އެޕްރީލް 18، 2025 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ތަޙުޤީޤުކޮށް، ލަފާ ދިނުމަށް ޓަކައި، 27 އެޕްރިލް 2025 ގައި އުފެއްދެވި ކޮމިޝަނަށް، ރައީސުލްޖުމްހޫރިއްޔާ ބަދަލުގެންނަވައިފިއެވެ.

މި ބަދަލާއެކު މިހާރު މި ކޮމިޝަންގެ މެންބަރުންނަކީ:

  1. ޑޮކްޓަރ މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
  2. ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
  3. ޑޮކްޓަރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
  4. އަލްފާޟިލާ ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
  5. އަލްފާޟިލާ އާމިނަތު އީނާސް، ހ. ހަބަރުގެ

ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ ޑޮކްޓަރ މުޙައްމަދު މުނައްވަރެވެ. 

ހެންވޭރު ފެންޓެނޯއީގޭގެ ނުވަ ވަނަ ފަންގިފިލާ އިން ޖެހިގެން ހުރި އިމާރާތުގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ޚާއްސަ ކޮމިޝަނެއް އުފެއްދެވި އިރު އެ ކޮމިޝަނުގައި ކަށީގެ ޚާއްސަ ޑޮކްޓަރ މުހައްމަދު ހަބީބު ހިމެނިވަޑައިގަތެވެ. ނަމަވެސް ޔުމްނު ވެއްޓުނު މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް އާއިލީ ގުޅުން އޮންނާތީ ހަބީބު ވަނީ އެ ކޮމިޝަނުން ވަކިވެވަޑައިގެންފައެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި އެ ކޮމިޝަނަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. 

ކޮމިޝަނަށް ގެނައި ބަދަލު އިޢުލާންކުރައްވައި ނެރުއްވާފައިވާ ޤަރާރު، މިހާރު ވަނީ ގެޒެޓްކުރައްވައި ޢާންމުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު