ENGLISH
28 އޭޕްރީލު 2025
ރާއްޖޭން ބޭރުގައި ފުރަތަމަ ފަހަރަށް ދިވެހި އައިޑީ ކާޑާއި ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް ފަށައިފި
28 އޭޕްރީލު 2025
|
މެލޭޝިއާގައި އައިޑީ ކާޑާއި ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް ތަޢާރަފް ކުރުމަށް ފަހު އެ ގައުމުގައި އުޅޭ ދިވެއްސަކަށް، ހޯމް މިނިސްޓަރ އަލީ އިހްސާން ޕާސްޕޯޓް ހަވާލުކޮށްދެއްވަނީ. --ފޮޓޯ: ޕީއެސްއެމް
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޭރު ގައުމެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް މިއަދު ފަށައިފިއެވެ.
ރާއްޖޭގެ އައިޑީ ކާޑާއި ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފެށީ މެލޭޝިއާގައެވެ. އެ ގައުމުގައި ޚިހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއިން ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.
ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު އެ ގައުމުގައި ފުރަތަމަ ޕްރިންޓްކުރި ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓާއި އައިޑީ ކާޑު ބެލެނިވެރިންނާއި ހަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އަލީ އިހުސާން އެވެ.
އަލަށް ތައާރަފްކުރި ޚިދުމަތް މާދަމާއިން ފެށިގެން ދިވެހި ހައިކޮމިޝަނުން ލިބޭގޮތަށް ވަނީ ހަމަޖައްސައިފައެވެ.
އައިޑީ ކާޑާއި ޕާސްޕޯޓް ހެއްދުމުގެ އިތުރުން މިއަދު ވަނީ މެލޭޝިއާގައި ދިރިއުޅޭ ދިވެހި ކިޔަވާ ދަރިވަރުން ތަމްސީލުކުރުމަށް ސްޓޫޑަންޓް އެސޯސިއޭޝަން ވެސް އުފައްދަވައިފައެވެ. ސްޓޫޑަންޓް އެސޯސިއޭޝަން ރަސްމީކޮށް އުފެއްދެވިކަމުގެ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މެލޭޝިއާއަކީ ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅޭ ގައުމަށްވުމާއެކު، ދިވެހީންނަށް އަމާޒުކޮށްގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން އަލަށް ތައާރަފްކުރި ޚިދުމަތްތަކާއެކު ގިނަ ފަސޭހަތަކެއް ދިވެހީންނަށް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވަނީ މެލޭޝިއާގައި އަލަށް އުފެއްދި ކިޔަވާ ކުދިންގެ ޖަމިއްޔާއަަށް ބޭނުންވާ ކަންތައްތައް ސަރުކާރުން ފަހިކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޮންމެ އަހަރަކު އެ ޖަމިއްޔާއަށް ސަރުކާރުގެ ފަރާތުން 3،000 ޑޮލަރު ޖަމާކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ވަޒީރު އަލީ އިހުސާނާއި ވަޒީރު ޑރ. އަލީ ހައިދަރުގެ އިތުރުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.