ENGLISH
28 އޭޕްރީލު 2025
ގަވާއިދާ ޚިލާފަށް އުޅުނު 13 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި
28 އޭޕްރީލު 2025
|
އިއްޔެ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނުގެ ތެރެއިން. ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން
މާލޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 13 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓުގައި ބުނީ އިއްޔެ ހިންގި އޮޕަރޭޝަނުގައި 13 މީހުން ހިފެހެއްޓީ މާލޭގެ ޒިކުރާ މިސްކިތް އަދި ބޮނޑިބަތް ޕާކު ސަރަހައްދުން ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ބިދޭސީންގެ ތެރެއިން 35 ބިދޭސީއަކު އިމިގްރޭޝަނުން ވަނީ ޗެކްކޮށްފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެގޮތުން އެކަމަށް ޚާއްސަ ޓާސްކް ފޯހުން މެދުކެނޑުމެއްނެތި މާލެ ސަރަހައްދާއި އަތޮޅުތެރޭގައި އޮޕަރޭޝަންތައް ހިންގައެވެ.
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުގެ އުޅަނދަށް އަރުވަނީ. ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން
އިމިގްރޭޝަނުން ވަނީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ރ. ދުވާފަރުގައި ވެސް ބިދޭސީންގެ އޮޕަރޭޝަނެއް ހިންގައިފައެވެ. އެގޮތުން، އެރަށުގައި ހިންގި ރެއިޑު އޮޕަރޭޝަނުގައި 100 އަށްވުރެ ގިނަ ބިދޭސީން ބަލައި ފާސްކޮށް، އޭގެތެރެއިން ގަވާއިދާ ޚިލާފަށް އުޅުނު 51 ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް ގަވައިދުގެ ތެރެއަށް ފެއްތުމުގެ ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ނުގަވައިދުން އުޅޭ ބިދޭސީން ހޯދުމުގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނެގުމުގެ މަސައްކަތް ވެސް މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ.